އަމީނިއްޔާ ސްކޫލްގައި އަޅާ އަމީނިއްޔާގެ އަށް ބުރީގެ އާ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓަރަކްޝަނާ ހަވާލުކޮށްފި އެވެ.

ވެލާނާގޭގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި މި އިމާރަތް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް އާއި އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ. މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ގާތްގަނޑަކަށް 15 މަސްދުވަސްތެރޭ މަސައްކަތް ނިންމާގޮތަށް 119 މިލިއަން ރުފިޔާ އަށެވެ. މި އިމާރާތުގައި 45 ކްލާސް ރޫމްގެ އިތުރުން ލެބޯޓްރީ އަކާއި އޯޑިއޯ ވީޑިއޯ ފަދަ ރޫމްތައް ހުންނާނެ ކަަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

" މިއީ މިއަހަރު އަޅުގަނޑުމެން ހިންގާ އެއްމެ ބޮޑު އެއް ޕްރޮޖެކްޓް،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ މުހައްމަދު ވިދާޅުވީ، މި މަސައްކަތް ރަނގަޅު ކޮލިޓީގައި ނިންމަންޖެހޭ ތާރީޚަށް ނިންމާނެ ކަމުގެ ޔަގީންކަންދޭ ކަަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅުންހުރި 28 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަމީނިއްޔާ ސްކޫލްގައި ދަނީ 1400 ދަރިވަރުން ކިޔަވަމުންނެވެ. އެ ސްކޫލްގައި 53 ކްލާސްރޫމް ހުރެއެވެ.