10 Jun 2015, 16:13
ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ސަރަހައްދު ގުރޫޕް ސީގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ގަތަރު ޓީމަކީ ފެވަރިޓް ޓީމްކަމަށް ލިޔެފައި އޮތީ ކަރުދާހުގައި ކަމަށާއި ނަމަވެސް ޓީމްގެ 11 ކުޅުންތެރިންގެ ކުޅުން ފެންނާނީ ދަނޑު މަތީގައި ކަމަށް ރާއްޖޭގެ ގައުމީ ޓީމް ކޯޗް ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
މާދާމާ ރޭ ގަތަރާއި ރާއްޖެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗްގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮޕޯފް ބުނީ ފުރަތަމަ މެޗް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ޖެހުމަކީ ރާއްޖޭގެ ޓީމަށް އޮތް އެޑްވާންޓޭޖެއް ކަމަށެވެ.
ޕޮޕޯފް ބުނީ ރާއްޖެއަށް ވުރެ މެޗްގައި ޕްރެޝަރު އޮތީ ގަތަރަށް ކަމަށާއި އެއީ މެޗުން މޮޅު ނުވެއްޖެ ނަމަ އެކަން ވެގެން ދާނީ އެޓީމަށް ލަދު ވެތިކަމަކަށް ކަމަށެވެ.
"މި މެޗްގައި ރާއްޖެއަށް ވުރެ ގަތަށްރަށް އޮތް ޕްރެޝަރު ބޮޑު ވާނެ ސަބަބަކީ އެޓީމަށް މެޗުން މޮޅު ނުވެވިއްޖެނަމަ އެކަން ވެގެންދާނީ ބޮޑު ލަދުވެތި ކަމަކަށް. މި މެޗުން އަހަރެމެންނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް،" ޕޮޕޯފް ބުންޏެވެ.
ޕޮޕޯފް ބުނީ، ބައެއް ފަހަރު މޮޅު ޓީމަށް މެޗުން މޮޅު ނުވެވޭ ކަމަށެވެ. މިއީ އެންމެ މެޗެއް ކަމަށާއި ގަތަރާއި ދެކޮޅަށް ރާއްޖޭގެ ޓީމުން ރަނގަޅު ފައިޓެއް ދޭނެ ކަމަށެވެ.
ޕޮޕޯފް ބުނީ ގަތަރު ޓީމަށް އިހްތިރާމް ކުރާ ކަމަށާއި ނަމަވެސް އެޓީމް ދެކެ ޖެހިލުން ނުވާ ކަމަށެވެ.
"މިއީ މަރުވުމެއް ނޫން. މިއީ ހަމަ އެންމެ މެޗެއް. އެހެން ކަމުން އަހަރެމެންގެ އެންމެ މަތީ ހިތްވަރު ނެރެގެން އަހަރެމެންގެ ސަޕޯޓަރުން އުފާކޮށްދީ ގައުމަށް ރަނގަޅު ނަތީޖާއެއް ހޯދައި ދިނުމަށް މަސަކަތް ކުރާނަން،" ޕޮޕޯފް ބުންޏެވެ.
ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމްގެ ޑިފެންޑަރު އަކުރަމް ޢަބްދުލް ޣަނީ (އަކޫ) ބުނީ މެޗްގައި ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ސަޕޯޓަރުންގެ އެހީއާއެކު ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާނެކަމަށެވެ.