ކައުންސިލުގެ އުމުރު ހަމަ ނުވަނީސް ކައުންސިލަރަކު އިސްތިއުފާ ދެއްވި ކަމުގައި ވިއަސް އިސްތިއުފާ ދެއްވި ކައުންސިލަރުގެ ބަދަލުގައި އިތުރު ކައުންސިލަރެއް އައްޔަން ކުރުމަށް އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑެ) އެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލަރަކު އިސްތިއުފާ ދިންކަމުގައި ވިއަސް ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ ވަރަށް އެ ކައުންސިލުގައި މެމްބަރުން ތިއްބެވި ނަމަ މަގާމުން ވަކިވި ކައުންސިލަރުގެ ބަދަލުގައި އިތުރު ކައުންސިލަރެއް އައްޔަންކުރަން އިންތިހާބު ބާއްވަން ނުޖެހޭނެ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ކައުންސިލަރެއް ނުވަތަ ކައުންސިލެއްގެ ވާޖިބު އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ނަމަ އެކަންކަމުގެ ސަބަބު ދެނެ ގަތުމަށްޓަކައި "އިންކުއަރީ" އެއް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ވަޒީރަކަށް އިހްތިޔާރު ލިބިގެންވާ ކަމަށެވެ. އަދި އެ "އިންކުއަރީ"އެއް ހަދާނީ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން އައްޔަންކުރާ ބައެއް ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ ކައުންސިލަކަށް ނުވަތަ ކައުންސިލަރަކުގެ މައްސަލައެއް "އިންކުއަރީ" އަށް ސާބިތުވެއްޖެ ނަމަ ނަސޭހަތް ނުވަތަ އިންޒާރު ދެވޭނެ އެވެ. ނުވަތަ ވަކި މުއްދަތަކަށް ކައުންސިލަރަކު ނުވަތަ ކައުންސިލް ސަސްޕެންޑު ކުރެވޭނެ ކަމަށާއި އެ ކައުންސިލެއްގެ ނުވަތަ ކައުންސިލަރެއްގެ އިތުބާރު ރައްޔިތުންގެ މެދުގައި އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ވޯޓެއް ވެސް ނެގޭނެ އެވެ.

އެފަދަ ހާލަތެއްގައި ކައުންސިލެއް ވަކި މުއްދަތަކަށް ސަސްޕެންޑު ކޮށްފި ނަމަ އެކައުންސިލެއްގެ ޒިންމާ އުފުލާނީ އެލްޖީއޭގެ މަޝްވަރާގެ މަތީން ސަސްޕެންޑުކުރި ކައުންސިލެއްގެ ޒިންމާދާރު ވެރިޔާ ކަމަށް ވެސް ވައްޑެ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން މިއީ އިސްލާހު ގެންނަ ތިން ވަނަ ފަހަރެވެ. ތިން އިސްލާހުގެ ތެރެއިން ދެ އިސްލާހު ހުށަހަޅުއްވާފައި ވަނީ މި އިސްލާހު ވެސް ހުށަހަޅުއްވާފައިވާ ވައްޑެ އެވެ.

ވައްޑެ ހުށަހެޅުއްވި އަނެއް އިސްލާހުގައި ބުނެފައި ވަނީ މާލެ ސިޓީ ކައުންސިލަށް ލިބިދެވޭނެ ބާރުތަކާއި އެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އިސްލާހުގައި ބުނެފައި ވަނީ މާލެ ސިޓީ ސަރަހައްދުގައި ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އަނެއް އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު އެވެ.