10 Jun 2015, 14:08
ރޯދަ މަހު ދެމުން އަންނަ އިނާޔަތް 5000 ރުފިޔާ އަށް ބޮޑުކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭރުކޮށްލައިފި އެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. އޭނާ ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ވަޒީފާ އަދާ ކުރާ ކޮންމެ މީހަކަށް ރަމަޟާން މަހު އިނާޔަތެއްގެ ގޮތުގައި 5000 ރުފިޔާ ދޭންވާނެ ކަމަށެވެ.
އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފައި އެވެ. ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 42 މެމްބަރަކު ވަނީ ވޯޓު ދެއްވާފައި އެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރުން ނެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައިވާ އިރު ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވަނީ ރޯދަ މަހު ދޭ އިނާޔަތް 2000 ރުފިޔާ އިން 3000 ރުފިޔާއަށް ބޮޑު ކުރަން ހުށަހަޅާފައި އެވެ. އަދި އެ އިސްލާހާ އެއްގޮތަށް މިއަދު ވަނީ އެ ބިލް ފާސްކޮށްފަ އެވެ.