10 Jun 2015, 14:02
ޗައިނާގައި ބާއްވާ ވިޔަފާރީގެ މައުރަޒެއް ކަމަށްވާ "23 ވަނަ ކުން މިން ފެއާ"ގައި ބައިވެރިވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބުރާހީމް މުޢާޒް ޢަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ރައީސުލް ޖުމްހޫރިއްޔާ، ޗައިނާގައި އޮންނަ ދެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވުމަށް މިއަދު ފުރާވަޑައިގެންފައި"ވާ ކަމަށެވެ.
ރައީސް ޔާމީނު މިއަދު ފުރާ ވަޑައިގެންނެވި ވަގުތު އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެއާޕޯޓަށް ވަޑައިގެންނެވި އެވެ.
"ކުންމިން ފެއާގެ އޯޕަނިންގައި ރައީސް ވާހަކަފުޅު ދައްކަވާ. މި ބުރާސްފަތީގައި ފުރާވަޑައިގަންނަވާނެ،" ކަމާ ގުޅުން ހުރި މަސްދަރަކުން ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
މިއީ ވެރިކަމާއި ހަވާލުވެ ވަޑައިގަތް ފަހުން ރައީސް ޔާމީން ޗައިނާ އަށް ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅުތަކުގައި ޗައިނާ އާއި ރާއްޖެއާ ގުޅިގެން ރާއްޖޭގައި އިގްތިސާދީ ބޮޑެތި މަޝްރޫތަކެއް ހިންގުމަށް ވަނީ އެއްބަސްވެފަ އެވެ.
ރައީސް މިފަހަރު ވަޑައިގަންނަވާ ކުންމިން ފެއާއަކީ ޗައިނާ އާއި ބޭރުގެ އެހެން ގައުމުތަކުގެ ވިޔަފާރި ކުންފުނިތަކާ ގުޅުން ބަދަހިކޮށް ނެޓްވޯކް ގާއިމް ކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ފެއާއެކެވެ. އެ ފެއާގައި ދިވެހި ވިޔަފާރި ކުންފުނިތަކާއި ދިވެހި ވިޔަފާރިވެރިން ވެސް ބައިވެރިވެ އެވެ.