ޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ރޯދަ އިނާޔަތް ދިނުމަށް ޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އިއްތިފާގުން ފާސްކޮށްފި އެވެ.

އެ ބިލު އެގޮތަށް ފާސްކޮށްފައި ވަނީ 60 މެމްބަރުންގެ ވޯޓުން ނެވެ.

ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އިއްޔެ މަޖިލީހަށް ފޮނުވި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް ވެސް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.

އެ ބިލު ކޮމިޓީން ނިންމެވި ފަހުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

ޖަމީލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރޯދަ މަހުގެ އިނާޔަތް ދިނުމުގައި ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި އެންމެހާ ފަރާތްތައް ވެސް ހިމަނަންވާނެ ކަމަށެވެ.

"ވަޒީފާ އަދާ ކުރާ ބިދޭސީ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިހުތިޔާރު ލިބިގެންވާ ކަމެކެވެ. މި އިހުތިޔާރުގެ ދަށުން ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި އަމަލު ކުރާނީ މި މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ އުސޫލުގެ މަތީން ނެވެ،" ޖަމީލް ހުށަހަޅުއްވާފައިވާ އިސްލާހުގައިވެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕްރައިވެޓު ސެކްޓަރުގައި މަސައްކަތް ކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި އަމަލު ކުރާނީ ޕްރައިވެޓު ސެކްޓަރުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް އަމަލު ކުރާ އުސޫލުގެ ދަށުން ކަމަށެވެ.

ބިލުގައިވާ ގޮތުން ބިދޭސީ މުވައްޒަފުންނަށް އިނާއަތް ދިނުމަކީ އިހްތިޔާރީ ކަމެ ކެވެ. އަދި އަމިއްލަ ކުންފުނިތަކުން އެ ބިލަށް އަމަލު ކުރުން އެއް އަހަރަށް ފަސްކުރެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.

ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާ އެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާ އެކު މި އަހަރު ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ޖިހާދު ވިދާޅުވީ، ހަމަހަމަ ކަމާ އެކު ރޯދަ އިނާޔަތް ދިނުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި އެބަ ހުރި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން އެކަން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.