10 Jun 2015, 14:29
ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރު ފާހަގަކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ރާޅާއެޅުމުގެ މުބާރާތަކާ އެކު ގިނަ ހަރަކާތްތަކެެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.
އެގޮތުން ރާއްޖޭގައި ބާއްވާ މުބާރާތުގައި ބައިނަލްއަގުވާމީ މޮޅެތި ރާޅާއެޅުންތެރިން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި މުބާރާތުގެ ސަަބަބުން ރާއްޖެއަކީ ސާފަރުންނަށް މަގުބޫލު މަންޒިލަކަށް ވެގެންދާނެ ކަަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ކޮންމެ އެއްލައްކަ ވަނަ ފަތުރުވެރިއަކަށް ސަޕްރައިޒެއް
ރާއްޖެ ޒިޔާރަތްކުރާ ކޮންމެ އެއް ލައްކަ ވަނަ ފަތުރުވެރިއަކަށް 'ސަޕްރައިޒެއް' ދޭން ނިންމާފައިވާ ކަަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ. އެގޮތުން ކުލަގަދަ މަރުހަބާއެއް ކިއުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ އެމްބަސަޑަރަކަށް އެ ފަތުރުވެރިން ހެދުން ވެސް ހިމެެނެއެވެ.
ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު
ރާއްޖެ ޕްރޮމޯޓް ކުރުމަށް ބާއްވާ ހަރާކާތްތަކުންނާއި ސޯޝަލް މީޑިއާ ކެމްޕޭނުން ހޮވާލެވޭ ފަރާތްތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެހެންނަމަވެސް އެއީ ކިތައް މީހުން ކަަމެއް އަދި އެމްއެމްޕީއާރުސީން ނުބުނެއެވެ.
ޑައިވިން ޗެމްޕިއަންޝިޕް
ދެކުނު އޭޝިއާ ގައި ހިލޭ ބައިވެރިވެވޭ ގޮތަށް ބާއްވާ ފުރަތަމަ ޑައިވިން މުބާރާތް ވެސް މި ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބާއްވާ ގޮތަށް ހަަމަޖެހިފައިވާ ކަަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ބައިނަލްއަގުވާމީ މޮޅެތި ޑައިވަރުން އެ މުބާރާތުގައި ބައިވެރިވާނެ ކަަމަށާއި މުބާރާތް ޖަޖްކުރާނީ ބައިނަލްއަގުވާމީ ޖަޖުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އެ މުބާރާތަކީ ފްރީ ޑައިވިންގެ ބައިނަލްއަގުވާމީ ޖަމިއްޔާ އޭއައިޑީއޭ ގަބޫލުކުރާ ފެންވަރަށް ބާއްވާ މުބާރާތެކެވެ.
ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ
މިއަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ އެއް އޮންނާނެ ކަަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިއަހަރު ބޭއްވި ކައުންޓް ޑައުން ޝޯގައި ވަނީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން އާއި އިންޑިއާގެ ފިލްމީ ތަރި ޕްރިޔަަަންކާ ބައިވެރިއެވެ. އަންނަ އަހަރުގެ ކައުންޓްޑައުން ޝޯގައި މަޝްހޫރު މީހުން ބައިވެރިވާނެ ކަމަށާއި އެހެންނަމަވެސް އެއީ ކޮންބައެއް ކަމެއް އަދި ނޭނގެއެވެ. މި އިވެންޓަކީ ރާއްޖޭގައި ބާއްވާ ބައިނަލް އަގުވާމީ އެންމެ ބޮޑު މުނިފޫހިފލިވުމުގެ އީދަށް ވާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.
ބައިނަލް އަގުވާމީ ފޮޓޯ މުބާރާތެއް
ވިޒިޓް މޯލްޑިވްސް އަހަރު ފާހަގަކުރުމުގެ ގޮތުން މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފޮޓޯ މުބާރާތް ބޭއްވުމަށް ވަނީ ހަަމަޖެހިފައެވެ. މި މުބާރާތަށް ހުށަހަޅާ ފޮޓޯތައް ޖަޖްކުރާނީ ބައިނަލްއަގުވާމީ ޖަޖުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި މުބާރާތުން ވަަނަތަކަށް ހޮވޭ ފަރާތްތަކުގެ ފޮޓޯތައް ބައިނަލްއަގުވާމީ ގޮތުން ދައްކާލާނެ ކަަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވާ އެއްމެބޮޑު ފެއާ ބާލިން ފެއާ ވެސް އަންނަ އަހަރު ސްޕޮންސާކޮށްފައި ވަނީ ރާއްޖޭންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް 2016 ވަނަ އަހަރު 10 މިިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ.