10 Jun 2015, 13:37
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އަނިޔާވެރިކަމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ތެދުވުމުން 2011 ވަނަ އަހަރު ފެށުނު ހަނގުރާމަގައި މަރުވި މީހުންގެ އަދަދު 300000 (ތިން ލައްކަ) އަށް ވުރެ މަތިވެއްޖެ އެވެ.
ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް (ސޮހްރް) އިން އަންގާރަ ދުވަހު ބުނީ ހަނގުރާމާގައި މަރުވި ކަމަށް އެ ޖަމާއަތަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު 320000 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 108086 އާއްމުން ވެސް ހިމެނޭ ކަމަށް އެޖަމާއަތުން ބުންޏެވެ. މަރުވި އާއްމުންގެ ތެރޭގައި 11493 ކުޑަކުދިންނާއި 7371 އަންހެނުން ވެސް ހިމެނެ އެވެ.
މަރުވިމީހުންގެ ތެރޭގައި ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ އެކި އެކި ޖަމާއަތްތަކުގެ މީހުންގެ ތެރެއިން އެގައުމުގެ 38592 މީހުންނާއި އެހެން ގައުމުތަކަށް ނިސްބަތްވާ 31247 މީހުން ހިމެނެއެވެ. ސޫރިޔާ ސަރުކާރު ސިފައިންގެ ތެރެއިން ވަކިވެ އިދިކޮޅު ޖަމާއަތްތަކާއި ގުޅުނު ސިފައިންގެ 2524 މީހުން ވެސް ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ސޮހްރް އިން ބުންޏެވެ.
ސޮހްރް އިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސޫރިޔާ ސިފައިންގެ 49106 މީހުން ވެސް ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވެ އެވެ.
ސޫރިޔާ ސަރުކާރާ އެއްކޮޅަށް ހަނގުރާމަ ކުރުމަށް އެގައުމަށް ދިޔަ ހިޒްބުﷲ ނަމަކަށް ކިޔާ ޓެރަރިސްޓް ޖަމާއަތެއްގެ 838 މީހުން ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެ އެވެ.
ސޫރިޔާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 300000 އަށް ވުރެ މަތިވި އިރު އެހަނގުރާމާގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 1.5 މިލިޔަނަށް އަރައިފަ އެވެ.