10 Jun 2015, 13:28
ގ. ވޭރު އަބްދުލް މުހީތު މަރާލި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
މުހީތު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ގދ. ގައްދޫ އަބުލަޢީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންސްވިލާ އަލީ މުޝައްފައުގެ މައްޗަށެވެ. އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ.
މުހީތުގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާއި، ސައިންޓިފިކް ހެކިތަކާއި ގަރީނާ އަށް ބަލާ އިރު މުހުޖަތު އާއި މުޝައްފައު އަދި މައިމޫންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
މުޝައްފައު އާއި މުއުޖަދުގެ ވަކީލު އަލީ ޝާހު ވިދާޅުވީ މުހީތު މަރާލި މައްސަލާގައި މުޝައްފައު އާއި މުއުޖަދާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ ހެކިންގެ އަދުލުގެ ބައިން ކަސިޔާރުވެ ދީފައިވާ ހެކިބަސް ކަމަށާއި އެހެންކަމުން އެއީ ގަބޫލު ކުރެވޭނެ ހެކިބަހެއް ނޫން ކަމަށެވެ. އަދި ޝަރުއީ އަދި ގާނޫނީ ގޮތުން ވެސް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށް ޝާހު ވިދާޅުވި އެވެ.
އެމައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ މުހައްމަދު މައިމޫންގެ ވަކީލު ވެސް ވަނީ ހުށަހަޅާފައިވާ ހެއްކާއި ގަރީނާ އަށް ބަލައި އެ މައްސަލަ މައިމޫނުގެ މައްޗަށް ސާބިތި ނުވާނެ ކަމަށް ބުނެފަ އެވެ. އަދި ސިއްރު ހެކިންގެ ގޮތުގައި ހެކިބަސް ދީފައި ވަނީ އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ނުވަތަ ކުޑަކުއްޖެއް ކަމެއް ވެސް ސާފު ނުވާ ކަމަށް މައިމޫނުގެ ވަކީލު ވިދާޅުވި އެވެ.
ހުލާސާ ބަޔާން އިއްވައި ނިމުމުން ގާޒީ މުހުތާޒް ފަހުމީ ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް އެ ހިސާބުން ނިމުނީ ކަމަށެވެ. އަދި މައްސަލައަކީ ގިނަ ލިޔުންތަކެއް ހިމެނޭ މައްސަލައެއް ކަމުން ދިރާސާ ކުރަން ވަގުތު ބޭނުންވާ ކަމަށާއި ދިރާސާތަކަށް ފަހު ހުކުމް އިއްވަން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ މުހުތާޒު ވިދާޅުވި އެވެ.
ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަން ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.
މުހީތު މަރާލުމުގެ ކުށުގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ދެ ކުދިން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.