ހަމަހަމަ ކަމާ އެކު ރަމަޟާން މަހުގެ އިނާޔަތް އެންމެނަށް ދިނުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވާ 5000 ރުފިޔާ އަށް ބޮޑުކޮށްގެން ރޯދަ އިނާޔަތް ދެވޭނެ ހަމަ އެއްވެސް މަގެއް ނެތް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ރަމަޟާން މަހުގެ އިނާޔަތް 3000 ރުފިޔާ އަށް ބޮޑު ކުރަން ހުށަހަޅާފައިވާ އިސްލާހު ކޮމިޓީން ފާސްކޮށް، ކޮމިޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ނިހާން ވިދާޅުވީ ހިސާބު ކިތާބު ރަނގަޅަށް ބަލައިފި ނަމަ އެ އަދަދު ދައުލަތަށް ހޯދޭނެ ގޮތެއް މިހާރަކު ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އިހުލާސްތެރިކަމާ އެކު ކަމުގައި ވިއަސް ނުކުރެވޭ ވަރުގެ ކަމެއް ކުރަން އުޅުމުން އެކަން ދާނީ ބާތިލު ވެގެން ކަމަށެވެ.

"އަޅުގަނޑުމެން [ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުން] މަސައްކަތް ކުރީ މި އަދަދު އެކަށީގެންވާ ރަނގަޅު އަދަދެއްގައި ހިފެހެއްޓޭތޯ. އަޅުގަނޑުމެންނަށް މިއަދު ފެނިގެން ދިޔަ އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވި 3000 ރުފިޔާ އިން 5000 ރުފިޔާ އަށް ރޯދަ އިނާޔަތް ބޮޑު ކުރުމަށް. އަޅުގަނޑު އެއްވެސް ވަރަކަށް އެމްޑީޕީން އެ އިސްލާހު ހުށަހެޅުއްވި މެމްބަރުގެ އިހުލާސްތެރިކަމާ މެދު ޝައްކު ކުރަނީއެއް ނޫން،" ނިހާނު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ނިހާނު ވިދާޅުވީ ރޯދަ އިނާޔަތް 3000 ރުފިޔާ އަށް ބޮޑު ކުރަން އެކަނި ވެސް 36 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހަމަޖައްސަން ޖެހުނު ކަމަށެވެ. އެހެންކަމުން ރޯދަ އިނާޔަތް 5000 ރުފިޔާ އަށް ބޮޑު ކުރަން ބޭނުންވެއްޖެ ނަމަ 90 މިލިއަން ރުފިޔާ އަށް އިތުރަށް ހޯދަން ޖެހޭނެ ކަމަށެވެ.

ރޯދަ މަހު ދެމުން އަންނަ އިނާޔަތް 5000 ރުފިޔާ އަށް ބޮޑު ކުރަން އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. އޭނާ ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައި އިސްލާހުގައި ބުނެފައި ވަނީ ވަޒީފާ އަދާ ކުރާ ކޮންމެ މީހަކަށް ރަމަޟާން މަހު އިނާޔަތެއްގެ ގޮތުގައި 5000 ރުފިޔާ ދޭންވާނެ ކަމަށެވެ.

"ބޮޑެތި މުސާރަ ލިބޭ އެންމެންނަށް ރޯދަ އިނާޔަތް 3000 ރުފިޔާއަށް މި ކުޑަ ކުރީ. އެހެންވީމާ ހަގީގަތުގައި ދައުލަތުގެ ބަޖެޓުން 30 މިލިއަން ރުފިޔާގެ ވާހަކައޭ އެބުނާ އަދަދު އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކަށް ދިމައެއް ނުވޭ. އެހެންވީމާ 5000 ރުފިޔާއަށް އެ ބޮޑު ކުރިއަސް ދައުލަތަށް އެ ފައިސާ ރައްޔިތުންނަށް ދެވޭނެ ކަމަށް ގަބޫލު ކުރެވޭ." ރުކުމާ މިއަދި ވިދާޅުވި އެވެ.

ރުކުމާ މިހެން ހުށަހަޅުއްވާފައިވާ އިރު ރޯދަ އިނާޔަތް އެންމެނަށް ހަމަހަމަކަމާ އެކީ ދިނުމަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.