10 Jun 2015, 12:47
ރާއްޖޭގެ ލޯކަލް ކައުންސިލްތަކަށް ނަމޫނާ އަށް ފުދޭ މަޝްރޫއުތަކެއް ހިންގާ ތިން ރަށަކަށް އަތޮޅު ކައުންސިލްތަކުގެ ވެރިން ޒިޔާރަތްކޮށްފި އެވެ.
ލޯކަލް ގަވާނެންސް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ށ. ފުނަދޫގައި ފަންޑް މެނޭޖްމެންޓް ޓްރެއިނިން ޕްރޮގްރާމެއް ނިންމަވައިލެއްވުމަށް ފަހު އަތޮޅު ކައުންސިލްތަކުގެ ވެރިން ޒިޔާރަތް ކުރެއްވީ ށ. ކޮމަންޑުއަށާއި އެ އަތޮޅު މިލަންދުއަށާއި ރ. ވާދުއަށް ކަމަށެވެ.
ތިން ރަށުގެ ތެރެއިން ކޮމަންޑުއަށް ކައުންސިލަރުން ޒިޔާރަތްކުރެއްވީ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އެރަށު ކައުންސިލުން ހިންގާ މަޝްރޫއާއި ސްލިޕްވޭ (ދޯނިފަހަރު އެހެލައި ބޭލުމުގެ ނިޒާމެއް) ގާއިމް ކުރުމުގެ މަސައްކަތް ބައްލަވައިލެއްވުމަށެވެ. އަތޮޅު ކައުންސިލްތަކުގެ ވެރިންނަށް އެ ދެ މަޝްރޫއާ ބެހޭ މައުލޫމާތު ދެއްވީ ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާނެވެ. ށ. މިލަންދު އަށް އެ ބޭފުޅުން ޒިޔާރަތް ކުރެއްވީ އެ ރަށުގައި ކުރަމުން އަންނަ ދަނޑުވެރިކަމުގެ މަސައްކަތް ބައްލަވައިލެއްވުމަށެވެ.
އަތޮޅު ކައުންސިލްތަކުގެ ވެރިން ރ. ވާދުއަށް ޒިޔާރަތް ކުރެއްވީ އެ ރަށަކީ ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަމުން އަންނަ ރަށަކަށް ވާތީ، އެ ޕްލޭންގެ ދަށުން ހިންގާ މަޝްރޫއުތައް ބައްލަވައިލެއްވުމަށް ކަމަށެވެ. އަދި އެ ރަށް ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ޕްލޭނާ ބެހޭ މައުލޫމާތު ހޯއްދެވުމަށެވެ. ކައުންސިލްތަކުގެ ވެރިން އެމައުލޫމާތު ދެއްވީ ވާދޫ ކައުންސިލްގެ ރައީސް ޙުސައިން ޢަލީ އެވެ.