10 Jun 2015, 15:56
ގަތަރު ވަކި ގައުމެއްގެ ގޮތުގައި އުފެދުނީ މުސްލިމުންގެ ހަތަރުވަނަ ޚިލާފަތް އުސްމަނީ ޚިލަފަތް 1923 ވަނަ އަހަރު އިންގިލާބަކުން ވެއްޓުމަށްފަހުގައެވެ. އޭރުވެސް އެގައުމު އޮތް ސަރަހައްދު އޮތީ އިނގިރޭސީންގެ ބާރުގެ ދަށުގައެވެ.
ގަތަރުގައި ފުޓްބޯޅަ ފެށިގެން އައީ އެގައުމުން ތެޔޮ ފެނުމަށްފަހު 1940 ވަނަ އަހަރުއެވެ. އެއީ އެގައުމުގެ ތެޔޮ ވަޅުތަކުގައި މަސައްކަތް ކުރުމަށް ގައުމުން ބޭރުން ގެނައި މަސައްކަތްތެރީން ހުސްވަގުތުގައި ފުޓްބޯޅަ ކުޅެން ފެށުމުންނެވެ. އެގޮތުން ގަތަރުގައި ތެޔޮ ވަޅުތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރީންގެ މެދުގައި ރަސްމީ ފުޓްބޯޅަ މެޗެއް ކުޅެވުނީ 1948 ވަނަ އަހަރު އެވެ.

ގަތަރުގެ ތެޔޮނަގާތަނެއް -- ފޮޓޯ: ވިކިޕީޑީއާ
ގަތަރުގެ ރައްޔިތުންގެ މެދުގައި ފުޓްބޯޅައިގެ ހަރަކާތްތައް ދިރުވުމަށް އެންގެވީ އެގައުމުގެ ހަތަރު ވަނަ އަމީރު ޢަލީ ބިން ޢަބްދުﷲ އަލް ސާނީގެ ދުވަސްވަރު އެވެ. އެގޮތުން އެގައުމުގައި ފުޓްބޯޅަ އެސޯސިއޭޝަނެއް އުފެދި ޙަރަކާތްތައް ހިންގަންފެށީ 1960 ވަނަ އަހަރުއެވެ.
ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނަށް ބައިނަލްއަގުވަމީ ހައިސިއްޔަތު ލިބުން
ގަތަރު ފުޓްބޯޅަ އެސޯސިއެޝަނަށް ރަސްމީ ހައިސިއްޔަތު ލިބުނީ އެ އެސޯސޮއޭޝަން އުފެދުނުތާ 10 އަހަރު ފަހުން 1970 ވަނަ އަހަރު އެވެ. އޭރުވެސް އަވައްޓެރި ގައުމު ތަކުގެ ޓީމްތަކާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗްތައް ކުޅެމުން ދެއެވެ. އެ އަހަރު އެގައުމުން ވަނީ ބައިނަލްއަގުވާމީ ފުރަތަމަ ފުޓްބޯޅަ މެޗް ކުޅެފަ އެވެ. މާރިޗް 27 ވަނަ ދުވަހު އަވައްޓެރި ބަހުރެއިންގައި އެގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ގަތަރު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗްގައި ގަތަރަށް ބައިނަލްއަގުވާމީ ފުރަތަމަ ގޯލް ޖަހައިދިނީ މުބާރަކު ފަރަޖެވެ.
ބަހުރެއިނުން އިސްނަގައިގެން އުފައްދަން މަސައްކަތް ކުރި ގަލްފު ގައުމު ތަކުގެ ފުޓްބޯޅަ ޖަމިއްޔާ އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެ އެޖަމިއްޔާގެ ފުޓްބޯޅަ މެންޑޭޓް އެކުލަވާލި އެވެ. އަދި އެއަށްފަހު ފުރަތަމަ ގަލްފު ޓޯނަމަންޓް ބޭއްވުމަށް އިއުލާންކުރިއެވެ.
ގަތަރަކީ އޭޝިއާގެ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ފުޓްބޯޅަ ޓީމެއް ނޫނެވެ. އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އޭޝިއަން ކަޕްގައި އެޓީމަށް އެންމެ ދުރަށްވެސް ދެވިފައިވަނީ ކްއަޓާ ފައިނަލާ ހަމަޔަށެވެ.
ގަތަރަށް މިހާރު ފުޓްބޯޅައިގައި ލިބިފައިވާ ކުރިއެރުންތައް ލިބިފައިވަނީ ގަލްފު ކަޕް އޮފް ނޭޝަންގައި ބައިވެރިވާން ފެށި ހިސާބުންނެވެ. ފުރަތަމަކޮޅު އެމުބާރާތުގައި ދަށް ނަތީޖާތަކެއް ހޯދިނަމަވެސް ދެ އަހަރުން އެއް އަހަރު ބާއްވާ މިމުބާރާތުގައި ކުޅުނު ވަރުގަދަ ގިނަ މެޗްތަކުގެ ސަބަބުން އެގައުމަށް ބޮޑެތި ކުރި އެރުންތަކެއް ލިބިގެންދިޔައެވެ.

ގަތަރުގެ ފުޓްބޯޅަ ފޭނުން -- ފޮޓޯ: އަލް އަރަބިއާ
އޭޝިއާގެ އެންމެ މަތީ ފަންތީގެ ގަދަ ބާރަކަށް ނުވި ނަމަވެސް ގަތަރަކީ ގަލްފު ސަރަހައްދުގައި ފުޓްބޯޅައިގެ ގަދަ ބާރެކެވެ. ގަލްފް ކަޕް އޮފް ނޭޝަންގައި ދެ ވަނައަށް އެންމެ ކާމިޔަބު ޓީމަކީ ގަތަރެވެ. އެންމެ ފަހުން ބޭއްވި ގަލްފް އޮފް ނޭޝަން ކަޕްގެ ޗެމްޕިއަންއަކީވެސް އެޓީމެވެ.
އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް ގަތަރު ކޮލިފައި ނުވީ ހަނި ފުރުސަތެއް ގެއްލުމުންނެވެ. ގަތަރު ހިމެނޭ ގުރޫޕްގެ އެއް ވަނަ ލިބުނު ނަމަވެސް އެފުރުސަތު އެޓީމަށް ގެއްލުނީ ފައިނަލް ރައުންޑުގައި ދެކުނު ކޮރެއާއާއި އެކުވެރި އަރަބި އިމާރަތަށްވުރެ ޕޮއިންޓް މަދުވުމުންނެވެ.
ގަތަރު ފުޓްބޯޅައިގައި އެގައުމަށް ހިޖުރަ ކުރާ ވަޒަންވެރިންގެ ދައުރު
ގަތަރަކީ އެގައުމަށް ގިނަ ބަޔަކު ހިޖުރަކޮށް ވަޒަންވެރިވާ ގައުމެކެވެ. އެގައުމުގެ އަބާދީ 1.8 މިލިއަނަށް އަރާއިރު 1.5 މިލިއަން މީހުންނަކީ އެހެން ގައުމުތަކުން އެގައުމަށް ހިޖުރަ ކުރާ ވަޒަންވެރިންނެވެ.
ގަތަރު ފުޓްބޯޅަ ޓީމްގައިވެސް އެހެން ގައުމުތަކުން ހިޖުރަ ކުރި ކުޅުންތެރިން ގިނައެވެ. އަދި ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިސްނަގައިގެންވެސް ޅަ އުމުރުގައި އެހެން ގައުމުތަކުން ކުޅުންތެރިން އެގައުމަށް ގެނެސް ވަޒަންވެރި ކޮށް އެގައުމުގެ ރައްޔިތުންނަށް ހަދައި ފުޓްބޯޅަ ޓީމްގައި ބައިވެރިކުރެއެވެ.
ގަތަރު ޓީމްގެ މިހާރުގެ ކެޕްޓަން ބިލާލް މުޙައްމަދަކީވެސް ސޫދާނަށް އުފަން ކުޅުންތެރިޔެކެވެ. އަދި އެގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ވިސާމް ރިޒިކްއަކީ ފަލަސްތިނަށް އުފަން ކުޅުންތެރިޔެކެވެ. ގަތަރު ޓީމްގެ އެންމެ މޮޅެތި ކުޅުންތެރިންގެ އަސްލަކީވެސް އެހެން ގައުމުތަކުގެ ކުޅުންތެރިންނެވެ.
ގަތަރުން ފުޓްބޯޅަ އަށް ކުރާ 'މެގަ އިންވެސްޓްމެންޓް'
ގަތަރަކީ މުއްސަނދި ގައުމެކެވެ. އެހެންކަމުން އެގައުމުން ފުޓްބޯޅައަށް ކުރާ ހޭދަވެސް ބޮޑެވެ. މުޅި އޭޝިއާއިންވެސް ފުޓްބޯޅައަށް އެންމެ ގިނައިން ހަރަދުކުރާ އެއް ގައުމަކީ ގަތަރެވެ.
ކުރިއަށް އޮތް ތަނުގައި މުޅި ދުނިޔެއިންވެސް ފުޓްބޯޅައަށް އެންމެ ބޮޑު އިންވެސްޓް ކުރާ ގައުމަކަށް ވާނީ ގަތަރެވެ.
ޔޫރަޕްގެ އެކި ގައުމުތަކުގައި ފުޓްބޯޅަ ކޭމްޕްތަކަށް ބޮޑެތި އިންވެސްޓްމެންތަކަށް ގަތަރުން ބޮޑު ހޭދައެއް ކުރެއެވެ. އަދި އެ ކޭމްޕްތަކަށް ގަތަރުގެ ޒުވާން ކުޅުންތެރިން ފޮނުވައި ޓީމު ބިނާ ކުރުމުގެ މަސައްކަތްތައް ކުރެއެވެ.

2022 އަހަރުގެ ވޯލްޑް ކަޕަށް ގަތަރުގައި ތައްޔާރުކުރާ ސްޓޭޑިއަމެއްގެ ކުރެހުމެއް -- ފޮޓޯ: ފޮސްޓާސްއެންޑްޕާޓްނާސް
ގަތަރުގައި 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް އެގައުމުން ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. އަދި 2022 ގެ ވޯލްޑްކަޕްގައި އެގައުމުން ނެރޭނެ ގައުމީ ޓީމަށް ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް މިހާރުންސުރެ ވަނީ ފަށާފައެވެ.
ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް އެގައުމުން ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. އެގޮތުން 2013 ވަނަ އަހަރު ޢަންމު ކުރި ރިޕޯޓެއްގައި ހާމަކޮށްފައިވާގޮތުން އެގައުމުން އެމުބާރާތަށް ކުރާ ހޭދަ 200 ބިލިއަން ޑޮލަރަށް އަރައެވެ.
ރަޝިއާގައި ބާއްވާ 2018 ވޯލްޑްކަޕަށް ކޮލިފައިވުމަށް ވެފައިވާ ތައްޔާރީތައް
ގަތަރުގައި 2022 ގައި ވޯލްޑްކަޕް ބައްވާނެކަން އެގައުމަށް އެނގިގެންދިޔައީ 2010 ވަނަ އަހަރު އެވެ. އެގައުމުގައި ވޯލްޑް ކަޕް ބޭއްވުމުގެ ކުރިން އެގައުމުގެ ގައުމީ ޓީމް ވޯލްޑްކަޕް ތަޖުރިބާ ކުރުމަކީ ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އަމާޒެކެވެ. ގަތަރު ވޯލްޑްކަޕްގެ ކުރިން ވޯލްޑް ކަޕް ކުޅެން އެގައުމަށް އޮތީ 2018ގެ ވޯލްޑްކަޕެވެ. މިއަހަރު ކޮލިފައިން ފަށާއިރު ގަތަރުވަނީ ކުރިން ޕްލޭން ކުރެވިގެން ކޮލިފައިންއަށް ތައްޔާރުވާން ފަށާފައެވެ.

ގަތަރުގެ އުމްރާނީ ތަރައްގީ -- ފޮޓޯ: ސީއެންއެން
މިގޮތުން އެގައުމުގެ ލީގަކީ ވަރުގަދަ ލީގަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ކުޅުންތެރިން ގަތަރު ލީގަށް ގެނެސް ކުޅުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ބޭނުމަކީ އެ ކުޅުންތެރިންގެ ފަރާތުން ގަތަރު ގެ ކުޅުންތެރިންނަށް ތަޖުރިބާ ތަކެއް ހޯދައި ދިނުމެވެ. ހާއްސަކޮށް ދުނިޔޭގެ އެންމެ މަތީފަންތީގެ ތަފާތު މޮޅު ފުޓްބޯޅައެއް ކުޅޭ ގައުމުތަކުގެ ކުޅުންތެރީން ގަތަރު ލީގަށް ގެނެސްގެންނެވެ.
ވޯލްޑް ކަޕް ކޮލިފައިންއަށް ތައްރާރުވުމަށް އެކަށައެޅި ޕްލޭންގެ ދަށުން ގަތަރުން އެގައުމުގެ ގައުމީ ޓީމްގެ ކުޅުމުގެ ސްޓައިލަށް ބަދަލު ގެނައުމުގެ ވިސްނުންވަނީ ގެންގުޅެފައެވެ.
ކޮލިފައިންގެ ގުރު ނެގި އިރު ގަތަރު ލައްވައިލީ ފަސޭހަ ގުރޫޕެއްގައެވެ. އޭޝިއާ ސަރަހައްދުގެ ގްރޫޕް ސީގެ ފޭވަރިޓް ޓީމަކީވެސް ގަތަރެވެ. ގަތަރާއި ދެކޮޅަށް ގުރޫޕުން ނިކުންނާނެ އެންމެ ވަރުގަދަ ޓީމަކަށް ވާނީ ޗައިނާއެވެ. ގްރޫޕްގައި ދެން ހިމެނެނީ ހޮންކޮންގާއި ބޫޓާން އަދި ދިވެހިރާއްޖެ އެވެ.
މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ނިކުންނައިރު ގަތަރުން ޖެހިލުންވާނެ މައިގަނޑު ކަމަކަށް އޮތީ ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ދޭ ފޯރި އެވެ. އެ ފޯރީގެ ސަބަބުން ދިވެހި ޓީމަކީ ވަރުގަދަ ކުޅުމެއް ކުޅޭ ޓީމެއްކަން ހުދު ގަތަރަށްވެސް އެނގޭނެ އެވެ. އެއީ އޭޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރުތައް ކަމަށްވާ ދެކުނު ކޮރެއައާ އީރާން ރާއްޖޭގެ ދަނޑުގައި ހޯދާފައިވާ ދަށް ނަތީޖާތަކުގެ ސަބަނުންނެވެ. އެހެންކަމުން ގަތަރު ޓީމް ޖެހިލުންކޮށްލުމާ ގުޅިފައިވަނީ ދިވެހި ސަޕޯޓަރުން ދިވެހި ގައުމީ ޓީމަށް ދޭ ފޯރިއެވެ.