10 Jun 2015, 12:21
ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން އެރަށުގައި ބޮޑުހިލައިގެ ތޮށިގަނޑެއް ލުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބުރާހީމެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބުރާހީމް ޢަބުދުއް ރައްޒާޤު ޙަލީމެވެ.
ކުރެންދޫ ބޯޅަދަނޑާ ދިމާލުގައި، އެރަށުގެ އިރުދެކުނުފަރާތުގައި 220 މީޓަރު ދިގު ތޮށިގަނޑެއް ލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 8.2 މިލިޔަން ރުފިޔާގެ އަގަކަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީސޯ އިބުރާހީމް ޢަބުދުއް ރައްޒާޤު ވިދާޅުވީ ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނާތީ ތޮށިގަނޑު ލުމުގެ މަސައްކަތް ފަސޭހަވާނެ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓަރު ތާރިޤު އިބުރާހީމް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެ، ގޮނޑުދޮށް ހިމާޔަތް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ކެރިފޯރުންތެރިކަން ހުރި ވަރަކުން އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެންމެ ފުރަތަމަ މަސައްކަތް އެންމެ ފުރަތަމަ ކުރާނީ އެންމެ ބޮޑަށް ހިމާޔަތް ކުރަން ޖެހިފައިވާ ރަށްތަކުގައި ކަމަށެވެ.
"... އެގޮތުން މިހާރު ވެސް ގާތްގަނޑަކަށް ތިން ރަށެއްގައި ތިންކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި ހަމަ އެހެންމެ، މިއަހަރު ތެރޭގައި މިހާރު ކޮންޓްރެކްޓް ހަވާލުކުރެވިފައި އެބަ އޮތް ހަތް ރަށެއްގައި އަނެއްކާވެސް ތިން ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް،" ގޮނޑުދޮށްތައް ހިމާޔަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތަފުސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.