10 Jun 2015, 12:02
ކިއޫތަކުގައި މަޑު ނުކޮށް އެޕްލިކޭޝަންތައް ހުށަހެޅުމުގެ ހިދުމަތް، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ތައާރަފު ކޮށްފި އެވެ.
މިއަދު އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއާ ފްރޮންޓް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު
އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސާވިސް ފްރޮންޓް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، މިއަދު ދޭން ފެށި އެ ހިދުމަތަކީ "ފަހި ހިދުމަތް" ކެމްޕެއިންގެ ދަށުން އެމްޑަބްލިއުއެސްސީން ދޭން ފެށި ހިދުމަތެއް ކަމަށެވެ.
އެ ހިދުމަތުގެ ދަށުން، ކަސްޓަމަރުންނަށް ކިއޫގައި ތިބުމުގެ ބަދަލުގައި އެޕްލިކޭޝަން ފޯމުތައް ނަގަން ލިބޭނެ ހާއްސަ ތަނެއް ހުންނާނެ ކަމަށާއި އެ އެޕްލިކޭޝަން ހުށަހެޅުމަށް "ޑްރޮޕް ބޮކްސް" އެއް ބެހެއްޓިފައި ހުންނާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ފޯމުތައް އެމްޑަބްލިއުއެސްސީން އާންމު އުސޫލުން ބަލައިގަންނަ ގޮތަށް ބަލައިގަނެ ފޯމުތައް ޕްރޮސެސް ކުރުމަށްފަހު ކަސްޓަމަރުންނަށް ހިދުމަށް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ، އެ ހިދުމަތުގެ ސަބަބުން ހިދުމަތް ލިބުން އަވަސް ވެގެންދާނެ ކަމަށާއި ރޯދަ މަހު ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ ހަ މަސް ދުވަހުގެ "ފަހި ހިދުމަތް" ކެމްޕެއިންގެ ދަށުން ވަނީ ކަސްޓަމަރުންނަށް އެހީތެރިވެދޭ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައެވެ. އެގޮތުން މިދިޔަ މަހުގައި "ފަހި ނޮޓިފިކޭޝަން"ގެ ނަމުގައި އެސްއެމްއެސް ހޮޓްލައިންގެ ހިދުމަތް ވަނީ އެ ކުންފުނިން ތައާރަފުކޮށްފައެވެ.