ކ. ހިންމަފުށީގެ ކުރީގެ ކައުންސިލަރު، އެރަށު މޫނިމާގޭ ފަރުހާދު އިބްރާހިމްގެ މައްޗަށް މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

ފަރުހާދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ހިންމަފުށީގައި އަލަށް އިމާރަތްކޮށްފައިވާ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މަގާމުގެ ނުފޫޒްގެ ބޭނުންކޮށްގެން ފަރުހާދުގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޑޮލްފިން ޝޮޕަށް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުން އެނގިފައިވާތީ އެވެ.

މިސްކިތް ފޮޅާ ސާފުކުރުމަށް ކުރި އިއުލާނާއި ގުޅިގެން ހަތް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިވާ ކަމަށާއި އެ ހަތް ފަރާތުގެ ތެރެއިން ހަތަރު ފަރާތަކުން އެސްޓިމޭޓް ބާޠިލްކުރަން ހުށަހެޅި ކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ. މި ފަރާތްތަކުން އެސްޓިމޭޓް ބާޠިލްކުރުމުން އެއްމެ ކުޑައަގެއް ހުށަހަޅާފައި ވަނީ ފަރުހާދުގެ ދަރިއެއް، ޑޮލްފިން ޝޮޕްގެ ނަމުގައި ހުށަހަޅާފައިވާ އެސްޓިމޭޓެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ. އެހެންކަމުން މާލިއްޔަތު ގަވައިދާ ޚިލާފަށް ފަރުހާދުގެ ދަރިއަކާއި އެސްޓިމޭޓް ހަވާލުކޮށްފައިވާ ކަަން ފާހަގަކުރެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެ އެވެ.