ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި މިނިވަން މުއައްސަސާތައް ވެސް ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ އެއްގޮތަށް ހަމަހަމަ ކުރުމަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރޯދަ މަހުގެ އިނާޔަތް ދިނުމުގައި ގާނޫނު އަސާސީއާ ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން މުސާރައާ އިނާޔަތްތައް ކަނޑައަޅައި އެންމެހާ ފަރާތްތައް ވެސް ހިމަނަންވާނެ ކަމަށެވެ.

"ވަޒީފާ އަދާ ކުރާ ބިދޭސީ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތައް އިހުތިޔާރު ލިބިގެންވާ ކަމެކެވެ. މި އިހުތިޔާރުގެ ދަށުން ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި އަމަލު ކުރާނީ މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އުސޫލުގެ މަތީން ނެވެ،" ޖަމީލް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕްރައިވެޓު ސެކްޓާގައި މަސައްކަތް ކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި އަމަލު ކުރާނީ ޕްރައިވެޓު ސެކްޓާގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް އަމަލު ކުރާ އުސޫލުގެ ދަށުން ކަމަށެވެ.

ޕްރައިވެޓު ސެކްޓާގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް އެ ގާނޫނު ހިނގާނީ ގާނޫނަށް އަމަލު ކުރާ ތާރީހުން ފެށިގެން ހިޖުރީ ގޮތުން އެއް އަހަރު ފަހުން ނެވެ.

"އެހެންނަމަވެސް މި ގާނޫނަށް އަަމަލު ކުރަން ފެށުމަށްފަހު އަންނަ ފުރަތަމަ ރަމަޟާން މަހުގައި ޕްރަވައިޓު ސެކްޓާގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭނީ އެމީހަކަށް ލިބޭ މުސާރައިގެންތިންބައިކުޅަ އެއްބައެވެ. މުސާރައިގެން ތިންބައިކުޅަ އެއްބަޔަކީ 2000 ރުފިޔާއަށް ވުރެ މަދު ނަމަ ދޭނީ 2000 ރުފިޔާއެވެ. މުސާރައިގެން ތިންބައިކުޅަ އެއްބައި 100000 ރުފިޔާއަށް ވުރެ ގިނަ ނަމަ ދޭނީ 10000 ރުފިޔާ އެވެ." ޖަމީލް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

މިއީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ ދެ ވަނަ އިސްލާހެވެ.

މި ގާނޫނަށް އެންމެ ފުރަތަމަ ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އިސްލާހަކީ ރަމަޟާން މަހު އިނާޔަތެއްގެ ގޮތުގައި މުވައްޒަފުންނަށް ދެމުން އަންނަ 2000 ރުފިޔާގެ ބަދަލުގައި 3000 ރުފިޔާ ދިނުމެވެ. އެ އިސްލާހު ކޮމިޓީން ވެސް ވަނީ ފާސްކޮށްފައެވެ. އެ އިސްލާހު އެގޮތަށް ފާސްކުރަން މިއަދު މަޖިލީހުގައި ވޯޓަށް އެހުމަށް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.