10 Jun 2015, 11:40
މިއަހަރުގެ ރޯދަމަހަށް ކެފޭ، ހޮޓާ، ރެސްޓޯރެންޓް ފަދަ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދުކުރާ ގަޑި ފަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މީގެ ކުރީ ރޯދަ މަސްތަކުގައި ވަނީ ދަންވަރު 2:00 އަށް ވަންދެން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދީފައެވެ. އެގޮތަށް ހުއްދަ ދޫކޮށްފައިވަނީ އެފަދަ ތަންތަނުން ހާރުކާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.
މިފަހަރު ރޯދަ މަހު އެ ހުއްދަ ދޫކުރުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަލީ ވަހީދު ވިދާޅުވީ، ދަންވަރު އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ރޯދައިގެ ކުރިން އެކަމަށް ވަކި ގޮތެއް ނިންމައި އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަދި ވަކި ގޮތެއް ހަމަޖެއްސިފައެއް ނެތް. ފައިނަލް ކޮށްފައެއް ނެތް. އިތުރު ކުރުމާމެދު ވިސްނުން އެބަހުރި. އެއީ ރޯދަމަސް ކަމަށްވާތީވެ،" އަލީ ވަހީދު ވިދާޅުވި އެވެ.
މީގެ ކުރިން އާންމުކޮށް ދަންވަރު 1:00 އަށް ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓި ނަމަވެސް މިހާރު އެފަދަ ތަންތަން ދަންވަރު 12:00 ގައި ބަންދުކުރަންޖެހެއެވެ.