ކައުންސިލްތައް ހިންގުމުގެ ޒިންމާ އެ ކައުންސިލެއްގެ ރައީސާއި ނައިބު ރައީސް ނަގާ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އަނެއްކާ ވެސް މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލުގައި ހިމެނޭ އެހެން މެމްބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ހަމައެކަނި ހިމެނެނީ ކައުންސިލްތަކުގެ ބައްދަލުވުންތަކަށް ހާޒިރުވެ އެ ބައްދަލުވުންތަކުގައި އެޖެންޑާ ކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން ކަމަށެވެ. އަދި ކައުންސިލްގެ މަގުސަދުތައް ހާސިލު ކުރުމަށް ބޭނުން ވާނެ ސިޔާސަތުތައް އެކަށަ އެޅުމުގައި ކައުންސިލްގެ އެހެން މެމްބަރުން ބައިވެރިވާންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

"ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އެހެނިހެން ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އިގްތިސާދީ ނުވަތަ އިޖުތިމާއީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި ބިންބިމާއި ރަށްރަށާއިފަރާއި ފަޅާއި ފިނޮޅާއި ކުޅިއާއި ހުރާ ހޯދުމާއި މިލުކު ކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓުކުރުމާއި މިފަދަ އިންވެސްޓުމަންޓުތައް ކައުންސިލުގެ ނަމުގައި މިލްކު ކުރުން،" ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

ކައުންސިލަރުން ތަމްރީނު ކުރުމުގެ ޕްރޮގުރަމެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

ހަލީލު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ 10000 މީހުންނަށް ވުރެއް ގިނަ އާބާދީއެއް އޮންނަ ރަށެއްގައި ކުރިން 9 ކައުންސިލަރުން ތިބޭ ތިބުން ބަދަލުކޮށް އެ އަދަދު ހަ ކައުންސިލަރުންނަށް މަދު ކުރަން ހުށަހަޅާ ކަމަށެވެ. އަދި 500 އާ 5000 އާ ދެމެދުގެ އާބާދީއެއް އޮންނަ ރަށެއްގައި އިންތިހާބު ކުރާނީ 4 ކައުންސިލަރުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ޖުމުލަ 70 އަށް ވުރެއް ގިނަ އިސްލާހު ހުށަހަޅާފައިވާ މި ބިލުގައި ކައުންސިލުގެ ރައީސްއާ ނައިބު ރައީސަށް ޒިންމާތައް ހަވާލުކޮށް އެހެނިހެން މެމްބަރުން ޕާޓު ޓައިމް ކޮށްފައިވާއިރު އެ މެމްބަރުންގެ މުސާރައާ އިނާޔަތްތައް ކަނޑައަޅާނެ ގޮތެއް ބުނެފައެއް ނުވެ އެވެ.

ސަރުކާރުގެ މެމްބަރު ހަލީލު ހުށަހަޅުއްވާފައިވާ އިސްލާހުގައި އަތޮޅު ކައުންސިލަށް ވެސް ބޮޑެތި ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ކޮންމެ ރަށަކުން އަތޮޅު ކައުންސިލުގައި ކައުންސިލަރެއް ބެހެއްޓުމަށް ވަނީ ހުށަހަޅައިފައެވެ.

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހަލީލުގެ އިތުރުން ވެސް އިތުރު މެމްބަރަކު ވަނީ އިސްލާހު ހުށަހަޅައިފައެވެ. އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑެ) އެވެ.

ވައްޑެ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މާލެ ސިޓީ ކައުންސިލަށް ލިބިދެވޭނެ ބާރުތަކާއި އެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އިސްލާހުގައި ބުނެފައި ވަނީ މާލެ ސިޓީ ސަރަހައްދުގައި ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށެވެ.