10 Jun 2015, 09:32
ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލަކުން ރޯދަ އިނާޔަތް ދިނުމަށް ޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލާ މެދު މިއަދު ވޯޓަށް އަހާނެ އެވެ.
މި ބިލަށް ވޯޓަށް އެހުން 1:30ގައި މިއަދު އޮންނާނެ އެވެ.
ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އިއްޔެ މަޖިލީހަށް ފޮނުވި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
މިބިލު ދިރާސާ ކުރި އިޖުތިމާއީ ކޮމިޓީގެ އިއްތިފާގުން ބިލު ފާސްކޮށް ވަނީ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާފައި އެވެ. އަދި ކޮމިޓީ ރިޕޯޓު އިއްވުމަށް ފަހު މެމްބަރުން އަންނަނީ އެ ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން ނެވެ.
ބިލުގައިވާ ގޮތުން ބިދޭސީ މުވައްޒަފުންނަށް އިނާއަތް ދިނުމަކީ އިހްތިޔާރީ ކަމެ ކެވެ. އަދި އެބިލަށް އަމިއްލަ ކުންފުނިތަކުން އަމަލު ކުރުން އެއް އަހަރަށް ފަސްކުރެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.
ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާ އެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާ އެކު މި އަހަރު ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ވަނީ ވިދާޅުވެފަ އެވެ.
ޖިހާދު ވިދާޅުވީ، ހަމަހަމަ ކަމާއެކު ރޯދަ އިނާޔަތް ދިނުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި އެބަ ހުރި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން އެކަން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.