ދިމާވެދާނެ އިމަޖެންސީ ހާލަތަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތައްޔާރުވެފައި އޮތީ ކިހާވަރަކަށްތޯ ބެލުމުގެ ގޮތުން މިއަދު އެކްސައިޒެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

"މާކަނާ 2015"ގެ ނަމުގައި މިއަދު ހަވީރު 4:00 އިން ރޭގަނޑު 7:30 އަށް ގެންދާ ހަރަކާތް ކުރިއަށްދާނީ ވީހާވެސް ހަގީގަތާ އެއްގޮތަށް ކަމަށް އެ އެކްސަސައިޒްގެ ޑިރެކްޓަރު މޫސާ ސޯލިހް ރޭ އެއާޕޯޓްގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވިދާޅުވި އެވެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ޖަމިއްޔާ (އައިސީއޭއޯ) ބުނާގޮތުން 'އެއާޕޯޓް އިމަޖެންސީ ޕްލޭން' އެއް އެކުލަވާލެވި ކޮންމެ ދެއަހަރުން އެއް އަހަރު އެ ޕްލޭން ޓެސްޓް ކުރުމަށްޓަކައި ކަމާއި ބެހޭ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް ފުރިހަމަ އިމަޖެންސީ އެކްސަސައިޒެއް ހިންގަންޖެހެ އެވެ.

" މި އެކްސައިޒްގެ މައިގަނޑު ބޭނުމަކީ އަޅުގަނޑުމެންގެ އެމަޖެންސީ ފެސިލިޓީސް އާއި އަދި މީހުންނާއި އަދި މިކަމާއި ގުޅޭ އިދާރާތައް މިސާލަކަށް އައިޖީއެމްއެޗް، ޕޮލިސް، އެމްއެންޑީއެފް އަދި މި ނޫނަސް ބައިވެރިވާ ފަރާތްތަކުގެ ތައްޔާރީތައް ހުރި މިންވަރު ބަލައި އޭގެ ގެޕްސްތައް އައިޑެންޓިފައި ކޮށް ކުރިއަށްއޮތް ތަނުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުުރުން،" އިމަޖެންސީ ކޮމިޓީގެ ޗެއާ މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

"މާކަނާ 2015" އެކްސަސައިޒާއި ބެހޭ ގޮތުން އެއާޕޯޓްގައި ރޭ ދިން ޕްރެސްކޮންފަރެންސްގައި އެމެޖެންސީ ކޮމިޓީގެ ޗެއާ މުހައްމަދު ސޯލިހް ވާހަކަދައްކަވަނީ - ސަން ފޮޓޯ: ޔޫސުލް ސޮފްވާން

މި އެކްސަސައިޒް އާއި ގުޅޭ ކަންކަން ކަނޑުމަގުންނާއި އެއްގަމުގައި ވެސް ކުރިއަށްދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުންނާއި ރާއްޖޭގެ ކަމާއިބެހޭ އެކިދާއިރާތަކުން ނަގާފައިވާ 80 ވަަރަކަށް ފަރާތުން އެ އެކްސަސައިޒް އިވެލުއޭޓް ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

" މި ހަރަކާތް ހިނގާ ހުރިހާ ސައިޓެއްގައި ތިބޭނެ އިންޑިވިޖުއަލް އިވެލުއޭޓަރުން އެތަންތަނުގެ ހަރަކާތްތައް ދިޔަގޮތް ބަލަން،" މޫސާ ސާލިހް ވިދާޅުވި އެވެ.

"މާކަނާ 2015" އެކްސަސައިޒާއި ބެހޭ ގޮތުން އެއާޕޯޓްގައި ރޭ ދިން ޕްރެސްކޮންފަރެންސްގައި އެކްސަސައިޒް ޑިރެކްޓާ މޫސާ ސާލިހް ވާހަކަދައްކަވަނީ - ސަން ފޮޓޯ: ޔޫސުލް ސޮފްވާން

އެ އެކްސަސައިޒްގައި ޒަޚަމްވެފައިވާ ކަމަށް ދައްކުވައިދޭ ޕަސެންޖަރުން އައިޖީއެމްއެޗަށާއި ހުޅުމާލެ ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނާނެ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި އަލިފާންރޯކުރެވޭ މަންޒަރު ފެނިގެންދާނެ ކަމަށް ވެސް އެއާޕޯޓުން ބުނެއެވެ. މިފަދަ ކަންކަމާއި ކަންބޮޑުނުވުމަށް ވެސް އެއާޕޯޓުން އެދެއެވެ.

އެ އެކްސަސައިޒް ހިންގުމަށް ފަސޭހައަށްޓަކައި ދުރާލައި ރާވައިގެން ވަނީ އެކްސަސައިޒް ހިނގާވަގުތު އެއްވެސް އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓެއް ނުޖައްސާ ގޮތަށް އަދި ނުފުރާ ގޮތަށް ރާވާފައެވެ. އިންޓަނޭޝަނަލް ޓާމިނަލުން ޕަސެންޖަރުން ޗެކިން މަސައްކަތް އެކްސަސައިޒް ކުރިއަށްދާ ވަގުތުވެސް ކުރިއަށްދާނެ ކަަމަށް އެއާޕޯޓްސް އިން ބުންޏެވެ. އަދި ސީޕްލޭން ޝެޑިއުލް އަށް ބަދަލެއް ނައިސް ކުރިއަށްދާނެ ކަމަށް ވެސް އެއާޕޯޓުން ބުނެއެވެ.

އެ އެކްސަސައިޒްގެ ޑިޒައިން ޓީމް ލީޑަރު ފާތުމަތު ޝާހިދާ ވިދާޅުވީ އެ އެކްސައިޒަށް ތައްޔާރުވަމުން އަންނަތާ ހަތަރު މަސްވެފައިވާ ކަަމަށެވެ.

"މާކަނާ 2015" އެކްސަސައިޒާއި ބެހޭ ގޮތުން އެއާޕޯޓްގައި ރޭ ދިން ޕްރެސްކޮންފަރެންސްގައި އެކްސަސައިޒް ޑިޒައިން ޓީމްގެ ލީޑަރު ފާތުމަތު ޝަހީދާ ވާހަކަދައްކަވަނީ - ސަން ފޮޓޯ: ޔޫސުލް ސޮފްވާން