10 Jun 2015, 00:02
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގަތަރާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުގައި މޮޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާއެއް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.
ރައީސް އެގޮތަށް އެދިވަޑައިގެންނެވީ ވޯލްޑް ކަޕް ކޮލިފައިންގެ މެޗަށް ތައްޔާރުވަމުންދާ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުންތައް ހިނގަމުންދާ ގޮތް، ބައްލަވާލެއްވުމަށް ގައުމީ ފުޓްބޯޅަ ދަނޑަށް މިރޭ ކުރެއްވި ޒިޔާރަތުގަ އެވެ.
ރައީސް ޔާމީން ޤައުމީ ފުޓުބޯޅަ ދަނޑަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޤައުމީ ޓީމުގެ މެނޭޖަރ މުޙަންމަދު ލަޠީފާއި، އެފް.އޭ.އެމް ގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް ޢަދީލް ޖަލީލެވެ.

ރައީސްގެ ދަރިކަލުންނަށް ޖާޒީއެއް ހަވާލުކޮށްދެނީ
މިއަދުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ޤައުމީ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤް ވަނީ ޤައުމީ ޓީމުގެ ޖާޒީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާއަށް އަޝްފާގު ދިނީ ތިން ނަމްބަރު ޖަހާފައިވާ ޖާޒީ އެކެވެ.

ރައީސްގެ ދަރިކަލުންނަށް އަޝްފާގު ޖާޒީ ހަދިޔާ ކުރުމަށްފަހު، ޖާޒީ ލައްވައިދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ޓީމުގެ ކުޅުންތެރިންނާއި ކޯޗާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށްފަހު، ކުރިއަށް އޮތް މެޗުގައި މޮޅަށް ކުޅެ، ރަނގަޅު ނަތީޖާއެއް ހޯދުމަށް ޤާއުމީ ޓީމުގެ ހުރިހާ މެންބަރުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.