09 Jun 2015, 23:38
ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ގަތަރުގެ ގައުމީ ޓީމް މިރޭ މާލެ އައިސްފައިވާއިރު، އެ މެޗުގެ ޓިކެޓް ގަންނަން އެތައްބަޔަކު ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި ކިއު ހަދައިފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯނުގެ ދެ ވަނަ ބުރުގެ ގްރޫޕް ސީގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގެ ޓިކެއް މިރޭ ވިއްކީ ގައުމީ ފުޓްބޯޅަދަނޑުގެ ހުޅަނގު އުތުރު ގޭޓު ކައުންޓަރުންނެވެ. މިރޭ 8:00 ގައި ޓިކެޓް ވިއްކަން ފެށުމުގެ ކުރިން ވެސް އެތައް ބަޔަކު ކިޔުގައި ޖެހިފައި ތިއްބެވެ.
މިރެއަށް ޓިކެޓް ވިއްކުން ހުއްޓާލީ 11:00 ޖެހި ފަހުންނެވެ. އަލުން ޓިކެޓް ވިއްކަން ފަށާނީ މާދަމާ ހެނދުނު 10:00 ގަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގެ ޓިކެއް، ގަތް މީހަކު ޓިކެޓްތައް ދައްކާލަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިރޭ ވިއްކާފައި ވަނީ ސިޑިބަރީގެ ޓިކެޓެވެ. ސިޑިބަރީގެ ޓިކެޓެއް ވިއްކީ 50 ރުފިޔާއަށެވެ. މާދަމާ ވެސް ސިޑިބަރީގެ ޓިކެޓް ވިއްކާނެ އެވެ.
މާދަމާ ވިއްކާ ފަށާ ގޮނޑިބަރީގެ ޓިކެޓެއް ވިއްކަނީ 100 ރުފިޔާ އާއި 150 ރުފިޔާއަށެވެ.

ގަރަތާއި ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް ގަންނަން މީހުން ޖަމާވުމުން، މަޖީދީމަހު ކާރުބާރުބޮޑުވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިރޭ ވަނީ ގައުމީ ޓީމް ބޭނުން ކުރާނެ ޖޯޒީ ވިއްކަން ފެށުމުގެ ރަސްމިއްޔާތު މަޝްހޫރު ކުޅިވަރު ސާމަނު ވިއްކާ އޯލް ސްޕޯޓް ކުރިމަތީގައި ބާއްވަފަ އެވެ. ގަތަރުގެ ގައުމީ ޓީމްގެ 23 ކޫޅުންތެރިންގެ ޓީމު ރާއްޖެ އައީ މިރޭ އިރާކޮޅު އެވެ.