10 Jun 2015, 09:21
ކުނި ހިފައިގެން ޕިކަޕެއް ތިން ރުއްޕާކް ސަރަހައްދުގައި އޮތް އުފުއްޔާ ކައިރިކޮށްފި އެވެ. ދެނަކާ ދެނެއް ނެތެވެ. ތިން މީހަކު ދުވެފައި ޕިކަޕާ ދިމާލަށް އަންނަތަން ފެނުނެވެ. އެ ޕިކަޕުން ބާޖަށް އެއްޗެއް އެޅޭ ވަރެއް ނުވި އެވެ. އޭގެ ކުރިން އޭތިން މީހުން އައިސް އެކުނިތައް ހާވައި އޭގެން ބައެއް ތަކެތި ނަގަން ފަށައިފި އެވެ. ދެން ތިބި ބަޔަކު "އެސްކަވޭޓަރު" ދަތްގަނޑު ޖެހޭ ނުޖެހޭ ސަރަހައްދުގައި ތިބެ ހިތްފުރޭވަރަށް ކުނި ހޮވަނީ އެވެ. އެތަކެތި ހިފައިގެން ގޮސް ބެހެއްޓީ މާފަންނުކޮޅުން އަމީނީ މަގު ނިމޭ ކަންމަތީ އެވެ. ލައިސެންސް ނެގުމަށް ދުއްވާ ސަރަހައްދުގެ އެ ކަންމައްޗަކީ އެ މީހުންގެ ފިހާރަ އެވެ. އާ އެކެވެ. ހުއްދައެއް އުސޫލެއް ނެތި އަނެއްކާ ވެސް ނީލަން ފިހާރައެކެވެ.
އެއް ނަމްބަރު ސަރަހައްދުގައި ހުންނަ ކުނި ގޮނޑަކީ މީހުން އާންމުކޮށް ދިރިނޫޅޭ ސަރަހައްދަކަށް ވިޔަސް މި ބުނި ސަރަހައްދުގައި މި ބުނި މަންޒަރަކީ ދުވާލު ކޮންމެ ގަޑިއެއްގައި ދިޔަސް އެ ސަރަހައްދުން ފަހަކަށް އައިސް އާންމުކޮށް ފެންނަ މަންޒަރެކެވެ. އުފުއްޔަށް އުކާލަން ގެންނަ ކުނި ހޮވައިގެން ގެނެސް އެ ކަންމަތި ފިހާރައަކަށް ހަދައި އެތަނުގައި ވިއްކަން ތިބުމަކީ އާންމު ކަމެކެވެ. އެކި ޒާތުގެ ލަކުޑި އާއި އެކިޒާތްޒާތުގެ މެޝިނާ އެކި ކުނި ހޮވައިގެން އެތަނުން ވިއްކަ އެވެ.

އެ ސަރަހައްދުގައި ކުނި ހޮވަން އުޅޭ ފަރާތްތަކާ ވާހަކަދައްކާލީމެވެ. އެނގުނު ގޮތުގައި އެއީ މީގެ ކުރިން ކުނިގޮނޑުގައި ކުނިހޮވަން އުޅުނު ފަރާތްތަކެވެ. ކުނިގޮނޑުތައް ބަންދު ކުރުމުން މިއަދު އެ މީހުން ތަކެތި ހޯދާ "ބަޒާރަކީ" އެކުނި ބާޖެވެ. ފިހާރައަކީ ގަހެއްގެ ނިޔަލުގައި އެކަންމައްޗެވެ. އެތަނުގައި ވިޔަފާރިކޮށްގެން އެ މީހުން ނަފާ ހޯދަނީ އެވެ.
"އާން ވިކޭ، މީހުން އާދޭ ގަންނަން، ދުވާލަކު 250 ރުފިޔާ 400 ރުފިޔާވެސް ލިބޭ،" އެ ހިސާބަށް ބުނުމަށް ފަހު އެ ފިރިހެން މީހާއަށް ވާހަކަ ކުރިއަށްގެންދެވޭ ގޮތެއްނުވި އެވެ. ޕިކަޕެއް ކުނި ހިފައިގެން ބާޖު ކައިރިކޮށްލިތަނާ ދުއްވައިގެން ގޮސްފި އެވެ.
އެގޮތަށް އެ މީހުން އެއްކުރާ ކުނިބުނި ވިއްކުމަށް އެއްކޮށްކޮށް އެކަންމަތި ގުދަނަކަށް ވެއްޖެ އެވެ. ޕޭވްމަންޓުން ހިނގާބިނގާވެ އުޅެން ދަތިއިރު ބައެއް ދުވަސް ދުވަހު ވިއްކުމަށް ކުނި އެއްކޮށްފައި އޮންނަ ވަރުން ބޮޑުތަކުރުފާނު މަގުގައި ދުއްވާއެއްޗެތި ދުއްވުމަށާއި ޕާކް ކުރުމަށް ދަތިވާ މިންވަރަށް ކަންކަން ވަނީ ގޮސްފަ އެވެ.
ވެރިކަން ކުރާ މާލޭގެ އެ ސަރަހައްދަކީ މީގެ ކުރިން ކުދި ބޮޑު އެތައް ބަޔަކު އުފާކޮށްލުމަށާއި އިރުއްސޭ މަންޒަރު ބަލާލަން ދާ ސަރަހައްދެކެވެ. ހަމަ އެހެންމެ ފިނި ބުރަށް މަގުބޫލް ސަރަހައްދެކެވެ. ނަމަވެސް މިއަދު އެ ސަރަހައްދު އެ ވަނީ ކުނިގޮނޑަކާއި ނީލަން ފިހާރައެއް ހިންގާ ސަރަހައްދަކަށް ބަދަލުވެފަ އެވެ. ދެރައީ އެކަން ނުހުއްޓުވޭތީ އެވެ.

ކުނި އުފުލުން ކުނި ހޮވައިގެން ވިއްކަން ތިބޭ ސަރަހައްދުގައި ބައެއް ތަކެތި ބަހައްޓާފައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
މާލޭގެ ބިންތަކުގެ ބެލެނިވެރި ފަރާތް ހައުސިން މިނިސްޓުރީގެ އެކްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް ވިދާޅުވީ އެމީހުން އެ ވިޔަފާރި ކުރަމުން ދަނީ ހައުސިން މިނިސްޓުރީގެ ހުއްދަ ދީގެން ނޫން ކަމަށެވެ. އެ މައްސަލަ ބޮޑުވެގެން އެތައް ފަހަރެއްގެ މަތިން އެ މީހުން ފޮނުވާލާފައިވީ ނަމަވެސް ދާއިމީ ކޮށް ހައްލު ނުވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފުލުހުން ބޭނުން ކޮށްގެން އެ މީހުން އެތަނުން ނަގުވަން. އެންމެ ފަހުން އިއްވެސް ނެގުވިން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ހައުސިން މިނިސްޓުރީން އެގޮތަށް އަމަލު ކުރި ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އެކަން ހުއްޓިފައި ނުވާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އުފުލި ބަލަހައްޓާ ސިޓީ ކައުންސިލުން އެ މީހުން އުފުއްޔަށް އަރައި ކުނި ހޮވުން ނުހުއްޓުވުމެވެ.
ކުނި ނެގުން ނުހުއްޓުވަ އެވެ. އުފުއްޔަށް އަރައި އެމީހުން ބޭނުން ވަރަކަށް ކުނި ނަގަނީ އެވެ. އެކަން ނުހުއްޓުވޭ މައްސަލައާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ ކުނި ހޮވާ މީހުން އެކަން ހުއްޓުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަން އެ މީހުން ނުހުއްޓާ ކަމަށެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހަޅި ނަމަވެސް އަދި މިހާތަނަށް އެންމެ ފުރިހަމަ އެއްބާރުލުން ނުލިބޭތީ އެކަން ނުހުއްޓުވެނީ ކަމަށް ޝިހާބު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެކަން ހުއްޓުވޭހާ ބާރުވެރިކަމެއް ނުހުރޭ. ކުނި އުކާލުން އަޅުގަނޑުމެން. އެސަރަހައްދަށް ވެސް މީހުން ވަންނަނީ، އެހެންވީމަ އެކަންތައް އަޅުގަނޑުމެންނަށް ހައްލު ކުރެވޭނީ ފުލުހުންގެ އެއްބާރުލުން ލިބިގެން،" ޝިހާބު ވިދާޅުވި އެވެ.

ކުނި އުފުލާ އުފުލި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
މީގެ ކުރިން ނީލަން ފިހާރަ ހިންގަމުން އައީ އެއް ނަމްބަރު ކުނިކޮށި ސަރަހައްދުގަ އެވެ. ނަމަވެސް އެކަން ވެސް ވަނީ ހައްދުން ނައްޓާފަ އެވެ. އެ ފަރާތްތަކަށް ދޫކޮށްފައި ހުރި ގޮޅިތަކުން ތަކެތި ނެރެ މުޅި އެ މަގުގެ އެ ސަރަހައްދު އެ ވަނީ ފުރާލާފަ އެވެ. ލަކުޑީގެ ބާޒާރެކޭ އެއްގޮތެވެ. ވިޔަފާރި ކުރުމުގައި ހަމައެއް ލަމައެއް ނެތެވެ.
ހައުސިން މިނިސްޓުރީގެ އެކްޒެކްޓިވް ކޯޑިނޭޓަރު ޝަރީފް ވިދާޅުވީ އެނީލަން ފިހާރާގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކުން އެކަން ކުރަނީ މާލޭ މުނިސްޕަލްޓީ ކިޔާ އިދާރާއެއް ހިންގި ދުވަސްވަރު ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ކަމަށެވެ. ނަމަވެސް މަގުމަތީ ތަކެތި ބަހައްޓައިގެން އެފަރާތްތަކުން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށާއި އެގޮތަށް ފާހަގަ ވުމުން ފިޔަވަޅު އަޅާ ކަމަށް ވެސް ވިދާޅުވި އެވެ.
ހައްލުނުވެފައިވާ ކުނީގެ މައްސަލައާއެކު އަނެއްކާ ވެސް ބޮޑު މައްސަލައެކެވެ. ކޮންކުރިޓް ޖަންގަލުން ސާފު ވައިކޮޅެއް ހޯދުމަށްދާ ސަރަހައްދަކީ ކުނި ވިއްކާ ބާޒާރަކަށް ހަދައިފި އެވެ. ދެރައީ މިހާ ހިސާބަށް ކަންކަން ދާއިރު ވެސް ނުހުއްޓުވޭތީ އެވެ.