09 Jun 2015, 17:55
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައާ ބެހޭގޮތުން ޖޭޕީއާއެކު މަޝްވަރާކުރަން ތައްޔާރަށް ތިއްބެވި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.
ޖޭޕީއާއެކު މިއަދު ބޭއްވި މަޝްވަރާގެ ފުރަތަމަ ބައްދަލުވުމަށް ފަހު ރައީސް އޮފީސް ބޭރުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ ގާސިމްގެ އެކައުންޓްތަށް ފްރީޒް ކުރި މައްސަލައަކީ ޖޭޕީން މިއަދު ހުށަހެޅުއްވި ހަތަރު ކަމެއްގެ ތެރެއިން މަޝްވަރާ ކުރެވޭނެ ކަމެއް ކަމަށާއި އެކަމާއި މަޝްވަރާކުރަން ތައްޔާރު ކަމަށެވެ.
"ތި ވިދާޅުވި ކަމާ ގުޅިދާނެ ކަހަލަ ނުކުތާއެއް އެބައޮތް، ނަމަވެސް މަޝްވަރާގެ ތެރޭގައި އާދިއްތަ ދުވަހު އެކަމާ މަޝްވަރާކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް، އެޖެންޑާގައި ހުށަހެޅުއްވި ހަތަރު ކަމުގެ ތެރެއިން ވަރަށް ގިނަ ކަންތަކާއި މަޝްވަރާ ކުރެވޭނެ ކަހަލަ ނުކުތާތަކެއް،" މުންދު ވިދާވި އެވެ.
ގާސިމް އިބުރާހިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ފުންނާބު އުސްބޭފުޅަކަށް ވީތީ މަޝްވަރާގެ ތެރޭގައި އެކަންތަށް ހިމެނޭނެ ކަމަށް މުންދު ވިދާޅުވި އެވެ.
ޖޭޕީއާއި އެކު މިއަދު ބޭއްވި މަޝްވަރާގެ ފުރަތަމަ ބައްދަލުވުމަށް ފަހު ރައީސް އޮފީސް ބޭރުގައި މީޑިއާއަށް މައުލޫމާތުދެއްވަނީ -- ސަންފޮޓޯ/ އަލީ ނަސީރު
ޖުމްހޫރީ ޕާޓީން ސަރުކާރާއެކު މަޝްވަރާކުރުމަށް މިއަދު ހުށަހެޅި ހަތަރު ކަމުގެތެރޭގައި ހިމެނެނީ
ސިޔާސީ އެއްބައިވަންތަ ކަމަކަށް ސިޔާސީ ހުރިހާ ޕާޓީއެއްގެ ބައިވެރިވުން މުހިންމު ކަމަށާއި އެފަދަ ޕްލެޓްފޯމެއް އެކަށައަޅައިދެއްވުން
- ސިޔާސީ ގޮތުން އެކި އެކި ހުކުމުގައި ތިއްބެވި ބޭފުޅުންނާއި އަދި ޓްރައަލްގައި ތިބި ބޭފުޅުންގެ މައްސަލަތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަން ރިވިއުކޮށްދިނުން
- އަދުލު އިންސާފުގެ ދާއިރާ ވީހާ ވެސް މިނިވަން ކަމާ ކުރިއަށް ދާނެ ގޮތެއް މަގުފަހިކޮށްދިނުން
- ލޯކަލް އިންވެސްޓަރުންގެ އިންވެސްޓްމެންޓުތައް ހިމާޔަތް ވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި ދިނުން
އަބްދުﷲ ރިޔާޒު ވިދާޅުވީ މަޝްވަރާތައް ކުރިއަށްދާނެ ގޮތާ ބެހޭގޮތުން މިއަދު ބޭއްވި ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް "މިނިވަން މާހައުލެއްގައި" ކަމަށާއި، މިއަދު ހުށަހެޅި ހަތަރު ހުށަހެޅުމާ މެދު ސަރުކާރުން މަޝްވަރާ ކުރުމަށް ފަހު އާދިއްތަ ދުވަހު އެހެން ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ކޮންމެ ކަމެއްގައި ޖޭޕީން އަބަދު ވެސް ސަރުކާރާ އެކު މަސައްކަތް ކުރާނެ ކަމަށާއި، މީގެ ކުރިން ވެސް މަސައްކަތް ކުރީ އެގޮތަށް ކަމަށެވެ.
ޖޭޕީއާ އެކު މިއަދު ބޭއްވި މަޝްވަރާގެ ފުރަތަމަ ބައްދަލުވުމަށް ފަހު ރައީސް އޮފީސް ބޭރުގައި މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަލީ ނަސީރު
ސަރުކާރުން ވެސް ވަނީ އިދކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރާނެ ތިން ކަމެއް މީގެ ކުރިން ފާހަގަކޮށްފަ އެވެ. އެ ތިން ކަމަކީ
ސިޔާސީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދައި ދީ، އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން
- ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ދުސްތޫރީ ނިޒާމަށާއި އަދި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރުމަށް
- އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރާ ސަބަބަކީ ގައުމު ބިނާކުރުމަށްޓަކާ އަދި ގައުމާއި ރައްޔިތުންގެ ތަރައްގީ ގާއިމް ކުރުމަށް
ޖުމްހޫރީ ޕާޓީގެ އިތުރުން ސަރުކާރުން ވަނީ އަދާލަތު ޕާޓީ އާއި އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ވެސް ދައުވަތު އަރުވާފަ އެވެ. ނަމަވެސް އެ މަޝްވަރާތައް އަދި ވަނީ ފެށޭގޮތް ނުވެފަ އެވެ.
އިދިކޮޅު އެމްޑީޕީ އަދި އަދާލަތު ޕާޓީއާއެކު މަޝްވަރާތައް ނުފެށިފައި ވަނީ ޝަރުތުތަކެއް ކުރިމަތި ކުރުވާފައި ވާތީ ކަމަށް މުންދު މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް އެ ފަރާތްތަކުން ދެ ވަނަ ވިސްނުންފުޅަކަށް ވަޑައިގެންފި ނަމަ އެ ފަރާތްތަކާއެކު މަޝްވަރާ ކުރައްވަން ފަސޭހަވާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
ސަރުކާރާއެކު އެމްޑީޕީގެ ފަރާތުން މަޝްވަރާ ކުރައްވަން ކަނޑައެޅުއްވި ޓީމުގައި މިހާރު ހުކުމް ތަންފީޒު ކުރަމުން ދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާތީ ސަރުކާރުން ވަނީ ނަޝީދާއި އެކު މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި އަދާލަތުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މިހާރު ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތުގެ ބޭނުމަށް ފުލުހުންގެ ބަންދުގައި ހުރި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަޝްވަރާތަކުގައި ބައިވެރިކުރުމެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ޝަރުތު ގަބޫލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ދައުވަތަަކަށް ޖޭޕީ އާއެކު މިއަދު ފެށި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރި ވަނީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބް އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފާއި އެންވައިރޮމެންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ. ޖޭޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަޑައި ގަންނަވަނީ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދާއި އިލްހާމް އަހުމަދުގެ އިތުރުން ފައިސަލް ނަސީމް އާއި އަބްދުﷲ ރިޔާޒު އެވެ.