10 Jun 2015, 09:35
އެޕަލް ކުންފުނީގެ ޑެސްކްޓޮޕް އޮޕަރޭޝަން "އޯއެސް އެކްސް"ގެ އެންމެ ފަހުގެ އަޕްޑޭޓް "އެލް ކެޕްޓަން" ދައްކާލައިފި އެވެ.
އެޕަލް ކުންފުނިން ބާއްވާ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެޕަލް އޯއެސް އެކްސް ސީރީޒްގެ ފަހުގެ އަޕްޑޭޓް ދައްކާފައިވަނީ ރޭގައެވެ.
އެ އަޕްޑޭޓު ދައްކާލަމުން އެޕަލް އިން ބުނެފައި ވަނީ އެ އަޕްޑޭޓްގެ ސަބަބުން މެކްބުކް ބޭނުން ކުރުމުގައި ފަސޭހާ ވާނެ ކަމަށާއި އަވަސް ވާނެ ކަމަށެވެ. އެގޮތުން ކުރީގެ އޮޕަރޭޓިން ސިސްޓަމާ އަޅައިބަލާއިރު ފަހުގެ އަޕްޑޭޓް 1.4 ގުނަ އަވަސް ވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން އަލަށް އުފެއްދި އެ އޯއެސްގެ ސަބަބުން ލެޕްޓޮޕްތަކުގެ ބެޓެރީގެ ޗާޖު ގިނަ އިރު ހިފަހައްޓާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެޕަލް ކުންފުނީގެ ފޯނުތަކުގެ އޮޕަރޭޓިން ސިސްޓަމްގައި ހިމެނޭ "މެޓަލް ގްރެފިކްސް"ތައް އެލް ކެޕްޓަން އަޕްޑޭޓުން ފެނިގެންދާނެ އެވެ.
އޯސްއެސް އެކްސް ގެ އެލް ކެޕްޓަން އާންމުންނަށް ޕަބްލިކް ބީޓާގެ ގޮތުގައި ޖުލައި މަހު ލިބޭނެ އެވެ. ނަމަވެސް އޮފިޝަލް ވާޝަން ލިބޭނީ އޯގަސްޓު މަހުގައި ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.