09 Jun 2015, 16:40
އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އެތުލެޓިކްސް ޓީމް މުބާރާތް ނިންމާފައި އަންނަ އިރު ހުސްއަތާ ނާންނާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޠޮލާލް ވިދާޅުވެއްޖެ އެވެ.
އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖޭގެ އެތުލެޓިކްސް ޓީމް މަލެ އައުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މުހައްމަދު ތޮލާލް ވިދާޅުވީ އަމާޒަކީ ތިނަކާއި ފަހަކާ ދެތެރޭގެ އަދަދަކަށް މެޑަލް ހިފައިގެން އައުން ކަމަށާއި ރަން މެޑަލަށް ވެސް އަމާޒު ކުރާ ކަމަށެވެ.
"އެއީ ދެން ކޮން ލެވަލެއްގެ މެޑަލެއްތޯ ނުވިސްނަން. ގޯލްޑްތޯ، ސިލްވާތޯ ބްރޯންޒްތޯ. އެއެއްޗަކަށް އަޅުގަނޑުމެން ނުދަން. އެހެން ނަމަވެސް އަޅުގަނޑުމެން އުންމީދު އެބަކުރަން ގޯލްޑް މެޑަލްވެސް އަޅުގަނޑުމެންގެ ޓީމުން މިފަހަރު ހޯދަން" ޠޮލާލް ވިދާޅުވެއްޖެ އެވެ.
ތޮލާލް ވިދާލުވީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް ރާއްޖޭ އެތުލެތިކްސްގެ ހަޔާތުގައި އިންޓަނޭޝަނަލް ގޭމެއްގައި ވިކްޓްރީ ސެރުމަނީގައި ރާއްޖޭގެ ގައުމީ ދިދަ އުފުލާލައި ގައުމީ ސަލާމް ކުޅެލަން ބޭނުންވާ ކަމަށާއި އެއީ އަބަދު ވެސް ދެކެމުންދާ ހުވަފެނެއް ކަމަށެވެ.
އިންޓަނޭޝަނަލް އެތުލެޓިކް މުބާރާތްތަކުގައި ގައުމީ ސަލާމް ކިޔުމުގެ ފުރުސަތު ދެނީ ގޯލްޑް މެޑަލް ހޯދާ ގައުމަކަށް އެކަންޏެވެ.
ޠޮލާލް ވިދާލުވީ ރާއްޖޭގެ އެއް ވަ ދުވުންތެރިޔާ ޙަސަން ސާއިދަކީ ގޯލްޑަށް ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ ރަނގަޅު ޓްރޭނިންނާ އެކު މުބަރާތަށް ގޮސް އިރާދަ ކުރެއްވިއްޔާ ސާއިދު ވާދަ ކުރާ ދެ އިވެންޓުން ގޯލްޑް މެޑަލް ހޯދުން،" ސާއިދާ ބެހޭ ގޮތުން ޠޮލާލް ބުންޏެވެ.
ރޭ ޓީމް މާލެ އައި އިރު ހަފުތައެއްގެ ތެރޭގައި ކުޅުންތެރިން ސިންތަޓިކްސް ޓްރޭނިން ހެދުމަށް ޓަކައި މެލޭޝިއާ އަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށާއި ދޮޅު މަސް ދުވަހު މެލޭޝިއާގައި ޓްރޭނިން ފުރިހަމަ ކުރުމަށް ފަހު ޓީމް މާލޭ އަންނާނީ އައިއޯއައިޖީއަށް ފުރުމުގެ ކުޑަ ދުވަސްކޮލެއް ކުރިން ކަމަށެވެ.
ނިމިދިޔަ އޭޝިއަން އެތްލެޓިކް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދުވުންތެރިޔަ ވަނީ އޭޝިއާގެ އެންމެ ބާރަށް ދުވާ 12 ދުވުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 1 ން 8 ރީޔޫނިއަން ގަ އެވެ.