މޮރޮކޯގައި ޖެނީފާ ލޮޕޭޒް ދިން ޝޯއެއް އެ ގައުމުގެ ގައުމީ ޓީވީން ދެއްކި މައްސަލަ ހޫނުވެ އެ މައްސަލަ ބަލައި ދިނުމަށް އެ ގައުމުގެ ބޮޑުވަޒީރު އަބްދުލްއިލާހް ބިން ކީރާން އަންގައިވައިފި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު މޮރޮކޯގެ ޓޫއެމް ޓީވީން މަވާޒީން އިންޓަނޭޝަނަލް މިއުޒިކް ފެސްޓިވަލްގައި ޖޭލޯ ހުށަހަޅައިދިން ޕާފޯމެންސް ދައްކާފައިވާ މައްސަލަ ބަލައި، އެކަމުގެ ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދެއްވުމަށް މޮރޮކޯގެ ކަމާ ބެހޭ ފަރާތްތަކަށް ބޮޑު ވަޒީރު ފޮނުއްވި ސިޓީއެއްގައި ވަނީ އެދިވަޑައިގެންފަ އެވެ.

މޮރޮކޯގެ ބޮޑުވަޒީރު އަބްދުލްއިލާހް ބިންކީރާން --

މޮރޮކޯގެ ބޮޑު ވަޒީރު އަބްދުލްއިލާހުގެ އެ ސިޓީގައި ވިދާޅުވެފައި ވަނީ ޖެނީފާ ލޮޕެޒްގެ ޝޯ ޕަބްލިކް ޓީވީން ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ޝޯގައި ކުޑަކުދިންނަށް ދައްކަން ނުވާވަރުގެ ލަދުވެތި ހަރަކާތްތައް ދައްކާފައި ވާތީ އެކަން ބޮޑު ވަޒީރު ވަނީ ކުށްވެރިކުރައްވައިފަ އެވެ.

އެ މައްސަލަ ބަލައިދެއްވުމަށް ބޮޑު ވަޒީރު އެދިވަޑައިގެންފައި މި ވަނީ އެ މިއުޒިކް ފެސްޓިވަލްގައި ޖޭލޯ މާ ބޮޑަށް ބަރަހާނާކޮށް، ލަދުވެތި ގޮތަކަށް ޕާފޯކް ކުރި މައްސަލަ މޮރޮކޯގެ އެޑިއުކޭޝަނަލް ގްރޫޕަކުން އެ ގައުމުގެ ކޯޓަށް ހުށަހަޅައިފައިވަނިކޮށެވެ. އެ ގްރޫޕުން ވަނީ ޖޭލޯގެ އެ ޕާފޯމެންސްގެ ސަބަބުން އާއްމު މަސްލަހަތު ގެއްލި އަންހެނުންގެ ކަރާމާތަށް އުނިކަން އައިސްފައިވާ ކަމަށް ދައުވާކޮށްފަ އެވެ.

އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް މަސް ދުވަސް ނުވަތަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަތުވެދާނެ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައިވަނީ ރިޕޯޓްކޮށްފަ އެެވެ.