ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށް ގެންދަން ފަށައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ މެންދުރު ފަހު 3:00 އިން ފެށިގެން ރައީސް އޮފީހުގައި ސަރުކާރާއި ޖޭޕީ އާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް އާއި އެންވައިރޮމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. ޖޭޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަޑައި ގަންނަވަނީ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދާއި އިލްހާމް އަހުމަދުގެ އިތުރުން ފައިސަލް ނަސީމް އާއި އަބްދުﷲ ރިޔާޒު އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ ވިދާޅުވީ އެއްވެސް ޝަރުތަކާ ނުލައި ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ތިބީ ޖޭޕީ ކަމަށާއި ޕާޓީއާ އެކު މަޝްވަރާ ކުރެއްވުމަށް ކުރިން ވެސް އޮތީ ނިމިފައި ކަމަށާއި އެހެންނަމަވެސް ލަސްވެގެން ދިޔައީ މަޝްވަރާގައި އެ ޕާޓީން އެންމެ އިސްކޮށް ހުންނަވާ އަމީން އިބްރާހިމް ރާއްޖޭގައި ނެތުމުން ކަމަށެވެ.

ޖުމްހޫރީ ޕާޓީއާއި ސަރުކާރާ އެކު މަޝްވަރާ ފަށާފައިވާ އިރު އެމްޑީޕީއާ އެކު ސަރުކާރަށް މަޝްވަރާ ނުފެށިފައި ވަނީ ރައީސް މުހައްމަދު ނަޝީދު އާއި އެކު ނޫނީ މަޝްވަރާ ނުކުރުމަށް އެ ޕާޓީ އިން ނިންމާފައިވާތީ އެވެ. އަދާލަތު ޕާޓީއަށް މަޝްވަރާ ނުކުރެވިފައި ވަނީ އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ނުލައި މަޝްވަރާ ކުރުމަށް އެޕާޓީ އިން ބޭނުން ނުވާތީ އެވެ.