"އަނިޔާވެރިކަން ނިންމަން" އެނަމުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ސަލާމަތީ ބާރުތަކުން އެއްބާރުލުން ދެއްވުމަށް އިދިކޮޅު ފަރާތްތަކުން އެދެފި އެވެ.

މިމަހުގެ 12 ވަނަ ބާއްވާ ބޮޑު އެއްވުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލިމްނެޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެ ދުވަހުގެ އެއްވުމުގައި ފުރަތަމަ އޮންނާނީ "ޕީސްފުލް ސިޓިންއެއް" ކަމަށާއި އެއަށް ފަހުގައި ޝުއޫރުތައް ފާޅުކުރުންތައް އޮންނާނެ ކަމަށެވެ.

އެ އެއްވުން ކުރިއަށްދާ އިރު ސަލާމަތީ ބާރުތަކުގެ ގޮތުގައި ހިމެނޭ ސިފައިންނާއި ފުލުހުންގެ އެއްބާރުލެއްވުމަށް ހާއްސަކޮށް އިބޫ ވަނީ އެދިވަޑައިގެންފަ އެވެ.

"ހުރިހާ މުއައްސަސާތަކުން ހާއްސަކޮށް ސަލާމަތީ ހިދުމަތްތަކަށް އަޅުގަނޑުމެންގެ ރިކުއެސްޓެއް މިއީ، އެއްވުން ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދެއްވުމަށް. އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން ވެސް އެއްބާރުލުމަށް ގޮވާލަން،" އިބޫ ވިދާޅުވި އެވެ.

މިމަހުގެ 12 ވަނަ ބާއްވާ ބޮޑު އެއްވުމާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމްނެޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާހަކަފުޅު ދައްކަވަނީ - ސަންފޮޓޯ -- ޔޫސުފް ސޮފްވާން

އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެއްވުމުގައި އެންމެ އިސްކޮށް ގޮވާލާނެ ކަންކަމުގެ ގޮތުގައި އިބޫ ފާހަގަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ގޮވައިލުމެވެ.

އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ މުޒާހަރާތަކާ ހިލާފަށް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ރާވަމުންދާ މުޒާހަރާ އޮއްނާނީ ރޭގަނޑު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އާޓިފިޝަލް ބީޗުން ފަށައިގެން މަޖީދީމަގުގައި ޝުއޫރުތައް ފާޅުކުރުން އޮއްނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އެރޭ ކޮންޓިނިއު ކޮށްފައި، ނަތީޖާ ނިކުންނަ ގޮތަކުން ޖެހިގެން އަންނަ ދުވަހު ވެސް ބާއްވަން ޖެހިއްޖެޔާ ބާއްވާނަން،" އިބޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު ވެސް ނިކުތް ގޮތަށް 12 ވަނަ ދުވަހު ވެސް މީހުން ނުކުންނަނީ "އަނިޔާވެރިކަން ނިންމުމަށް" ކަމަށެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ހިންގާ ހަރަކާތަކީ ސުލްހަވެރި ހަރަކާތެއް ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.