( އަލްޖަޒީރާ) ފަލަސްތީނުގެ ޣައްޒާއަށް މިދިޔަ އަހަރު ދިން ހަމަލާތަކުގައި 500 އަށް ވުރެ ގިނަ ކުދިން މަރާލައި، 4200އަށް ވުރެ ގިނަ ކުދިން ޒަހަމްކޮށްލުމުން ވެސް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ކޮންމެ އަހަރަކު ނެރޭ ކުޑަކުދިންނަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ގައުމުތަކާއި ޖަމާއަތްތަކުގެ ކަޅު ލިސްޓްގައި އިސްރާއީލެއް ނުހިމެނި އެވެ.

ޔޫއެންގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ އެޖެންސީން އެ ލިސްޓްގެ ދެލި ކޮޕީ ހެދި އިރު އިސްރާއީލާއި ހަމާސް ޖަމާއަތް އެލިސްޓްގައި ހިމަނާފައިވީ ނަމަވެސް ލިސްޓްގައި އިސްރާއީލު ނުހިމެނުމަށް ނިންމެވީ ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އެވެ.

ކުޑަކުދިންގެ ހައްގުތައް ނަގާލާ ގައުމުތަކާއި ޖަމާއަތްތަކުގެ ކަޅު ލިސްޓަކީ ކުޑަކުދިންގެ ހައްގުތައް ނަގައިލުމުގެ މައްސަލަ ދުނިޔޭގައި އޮތް މިންވަރާ ބެހޭ ގޮތުން ޔޫއެން ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާ ރިޕޯޓަކުން އުފައްދާ ލިސްޓެކެވެ. ކަޅު ލިސްޓްގައި އިސްރާއީލް ނުހިމެނުމުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ޔޫއެން އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެކަމަށް ރައްދު ދެމުން ޔޫއެންގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަނީ ޑުޖަރިކް ބުނެފައި ވަނީ އެ ރިޕޯޓަކީ ލިސްޓަށް ވުރެ މުހިއްމު އެއްޗެއް ކަމަށާއި ރިޕޯޓްގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ކުޑަކުދިންނަށްވީ ގޮތް ހިމަނާފައިވާ ކަމަށެވެ.

އިސްރާއީލު ނުހިމަނައި ޔޫއެންގެ 'ކަޅުލިސްޓް' އާއްމުކޮށްފައި މިވަނީ މިދިޔަ އަހަރު ޖުލައި މަހާއި އޮގަސްޓް މަހު އިސްރާއީލުން ޣައްޒާއަށް ހަމަލާ ދެމުން ދިޔައިރު ކުޑަކުދިންނާއި އަންހެނުން ހިޔާވަހިކަން ހޯދަމުން ދިޔަ ، ޔޫއެންގެ ހަތް ސްކޫލަކަށް އިސްރާއީލުން ގަސްދުގައި ބޮން އެޅިކަން ޔޫއެންގެ ތަހުގީގަކުން ހާމަވީތާ ދެ މަސް ދުވަސް ފަހުންނެވެ.

ލިސްޓްގައި ޔޫއެން އިން ހިމަނާފައި ވަނީ ގައުމުތަކުގެ އަސްކަރީ ބާރުތަކާއި ހަނގުރާމަވެރި ޖަމާއަތްތައް ހިމެނޭ ގޮތުން 52 ފަރާތެކެވެ. އޭގެ ތެރޭގައި އިސްލާމިކް ސްޓޭޓާއި ނައިޖީރިއާގެ ބޮކޯ ހަރާމާއި ސޫރިޔާއާ ސަރުކާރު ހިމެނެ އެވެ.