ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ހިންގާ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ލޯގޯ، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުލައިޓްތަކުގައި ޖަހަން ފަށައިފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މިއަދު ބޭއްވި ހަފްލާއެއްގައި އެލޯގޯ މޯލްޑިވިއަންގެ ބޯޓުގައި ޖެހުން އިފްތިތާހް ކޮށްދެއްވީ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ، ލޯގޯ ޖެހުން ޑޭޝް 8 ފުލައިޓުތަކުން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި މޯލްޑިވިއަންގެ ހުރިހާ ފުލައިޓެއްގައި އެލޯގޯ ޖަހާނެ ކަމަށެވެ.

މޯލްޑިވިއަން ފުލައިޓުތަކުގައި "ވިޒިޓް މޯލްޑިވްސް އިޔާ" ލޯގޯ ޖެހުމުގެ ހަފްލާ--

އެލޯގޯ އަކީ އަންނަ އަހަރަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ހިންގާ ބޮޑު ކެމްޕެއިނެއްގެ ލޯގޯ އެވެ.

ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އައިޓީބީ ބާލިން ފެއާ 2016 ގެ މެއިން ސްޕޮންސަރަކީ ރާއްޖެ އެވެ. އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް 2016 ވަނަ އަހަރު 10 މިިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)ގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.

މޯލްޑިވިއަންއިން މިހާރު އެއާބަސް ދެ ފުލައިޓު އޮޕަރޭޝަންގައި ބޭނުންކުރާއިރު ބޮމްބާޑިއާ ޑޭޝް8ގެ ހަތް ފުލައިޓު ބޭނުންކުރެއެވެ.