ރޯދަ މަހު ދެމުން އަންނަ އިނާޔަތް 5000 ރުފިޔާ އަށް ބޮޑު ކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. އޭނާ ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައި އިސްލާހުގައި ބުނެފައި ވަނީ ވަޒީފާ އަދާ ކުރާ ކޮންމެ މީހަކަށް ރަމަޟާން މަހު އިނާޔަތެއްގެ ގޮތުގައި 5000 ރުފިޔާ ދޭންވާނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައިވާ އިރު ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވަނީ ރޯދަ މަހު ދޭ އިނާޔަތް 2000 ރުފިޔާ އިން 3000 ރުފިޔާއަށް ބޮޑު ކުރަން ހުށަހަޅާފައި އެވެ. އަދި ކޮމިޓީން އިއްޔެ ވަނީ އެ އިސްލާހު ފާސް ވެސް ކޮށްފަ އެވެ.

"ބޮޑެތި މުސާރަ ލިބޭ އެންމެންނަށް ރޯދަ އިނާޔަތް 3000 ރުފިޔާއަށް މި ކުޑަ ކުރީ. އެހެންވީމާ ހަގީގަތުގައި ދައުލަތުގެ ބަޖެޓުން 30 މިލިއަން ރުފިޔާގެ ވާހަކައޭ އެބުނާ އަދަދު އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކަށް ދިމައެއް ނުވޭ. އެހެންވީމާ 5000 ރުފިޔާއަށް އެ ބޮޑު ކުރިއަސް ދައުލަތަށް އެ ފައިސާ ރައްޔިތުންނަށް ދެވޭނެ ކަމަށް ގަބޫލު ކުރެވޭ." ރުކުމާ މިއަދި ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ އިނާޔަތެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންވާނެ ކަމަށެވެ. އަދި ވަޒީފާ އަދާ ކުރާ ބިދޭސީ މީހާ އަށް އެ އިނާޔަތް ދިނުމަކީ ވަޒީފާ ދޭ މީހާގެ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ނަމަވެސް އަމިއްލަ ކުންފުނިތަކުން އެއަށް އަމަލުކުރަން ޖެހޭނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހިޖުރީ ގޮތުން އެއް އަހަރު ފަހުން ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން މިރޯދަ މަހު އަމިއްލަ ކުންފުނިތަކުން އިނާޔަތުގެ ގޮތުގައި ދޭން ޖެހޭނީ އެ މީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބަ އެވެ.

ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މުހައްމަދު އަލީ ވިދާޅުވީ، ރޯދަ ފަރުޟު ކޮށްފައި ވަނީ ފަގީރުންނާއި މުއްސަނދިން ވެސް ހަމަހަމަކޮށް ރޯދަ ހިފުމަށް ކަމަށް ވިޔަސް މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި އޮތީ ބޮޑު މުސާރަ ލިބޭ މީހާ އާއި ކުޑަ މުސާރަ ލިބޭ މީހާ ހިފާ ރޯދައިގެ ތަފާތު ކަމެއް ވާ ކަން ދައްކުވައިދޭ ސަގާފަތެއް ކަމަށެވެ.