09 Jun 2015, 15:07
މ. އަތޮޅު ކައުންސިލްގެ ދިއްގަރު ދާއިރާ ހިމެނޭގޮތަށް ޖުމްލަ ނުވަ ކައުންސިލެއްގެ ބައި އިލެކްޝަން އަންނަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އަހްމަދު ހަބީބު މިއަދު ސަން އަށް ވިދާޅުވީ މ. އަތޮޅު ކައުންސިލްގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ފިޔަވައި ދެން އިއުލާންކޮށްފައި ވަނީ އަށް ރަށު ކައުންސިލެއްގެ ބައި އިލެކްޝަން ކަމަށެވެ.
މ. އަތޮޅު ކައުންސިލްގެ ދިއްގަރު ދާއިރާގެ އިތުރުން ދެން ބައި އިލެކްޝަން ބާއްވާ ކައުންސިލްތަކަކީ
ހއ. ދިއްދޫ ކައުންސިލް
- ހއ. މުރައިދޫ ކައުންސިލް
- ހދ. ނައިވައިދޫ ކައުންސިލް
- ށ. ކަނޑިތީމް ކައުންސިލް
- ހެނބަދޫ ކައުންސިލް
- ކ. މާފުށި ކައުންސިލް
- ވ. ފެލިދޫ ކައުންސިލް
- ތ. މަޑިފުށި ކައުންސިލް
ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަނީ އެކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ މެމްބަރު ޖައުހަރީ އަލީ އިސްތިއުފާދެއްވުމުންނެވެ.
ދިއްދޫ ކައުންސިލްގައި މިހާރު ތިއްބެވީ ޕީޕީއެމަށް ނިސްބަތްވާ ތިން ކައުންސިލަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ދެ ކައުންސިލަރެއްގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރެކެވެ.
މުރައިދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެކައުންސިލްގެ ބައި އިލެކްޝަން ބާއްވަން އިއުލާންކޮށްފައި ވަނީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ކައުންސިލަރު އަލީ ނަދީމް އިސްތިއުފާދެއްވުމުން ކަމަށެވެ. އެ ކައުންސިލްގައި މިހާރު ތިއްބެވީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރަކާއި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެކެވެ.
ނާވައިދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ޖެހިފައި ވަނީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ކައުންސިލަރު އަލީ ޔޫސުފް އިސްތިއުފާ ދެއްވުމުންނެވެ. އެ ކައުންސިލްގައި މިހާރު ތިއްބެވީ ޕީޕީއެމްގެ ހަތަރު ކައުންސިލަރުންނެވެ.
މިހާރު އެމްޑީޕީގެ ހަތަރު ކައުންސިލަރުން ތިއްބެވި ކަނޑިތީމް ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ޖެހިފައި ވަނީ އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރު ނަސްރުﷲ އަބްދުލް ޣަނީ އިސްތިއުފާ ދެއްވުމުންނެވެ. އެކައުންސިލްގައި މިހާރު ތިއްބެވީ އެމްޑީޕީގެ ހަތަރު ކައުންސިލަރުންނެވެ.
ހެނބަދޫ ކައުންސިލުގެ ބައި އިލެކްޝަން އިއުލާން ކޮށްފައި ވަނީ އެމްޑީއޭއަށް ނިސްބަތްވާ މުހައްމަދު ޚަލީލް ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. މިހާރު ވެސް އެކައުންސިލްގައި ތިއްބެވީ އެމްޑީއޭއަށް ނިސްބަތްވާ ކައުންސިލަރުންނެވެ.
މާފުށީ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ޖެހިފައި ވަނީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރު އަހްމަދު ޝާއިގު އިސްތިއުފާ ދެއްވުމުންނެވެ. އެ ކައުންސިލްގައި މިހާރު ތިއްބެވީ ޕީޕީއެމް ދެ ކައުންސުލަރުންނާއި އެމްޑީޕީގެ ކައުންސިލަރެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލަރެކެވެ.
ފެލިދޫ ކައުންސިލްގެ ބައި އިލެކްޝަން އިއުލާންކޮށްފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އަހްމަދު އަލީ އިސްތިއުފާ ދެއްވުމުންނެވެ. އެ ކައުންސިލްގައި މިހާރު ތިއްބެވީ ޕީޕީއެމް ހަތަރު ކައުންސިލަރުންނެވެ.
މަޑިފުށީ ކައުންސިލްގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފައި ވަނީ ޕީޕީއެމް ކައުންސިލަރު އަހްމަދު މުނާޒު ޖެހިޖެހިގެން ހަތް ޖަލްސާއަކަށް ވަޑައިނުގަތުމުގެ ސަބަބުން އެ ކައުންސިލުން ގޮނޑިއެއް ހުސްވެފައިވާތީ އެވެ. އެ ކައުންސިލްގައި މިހާރު ތިއްބެވީ އެމްޑީޕީގެ ހަތަރު ކައުންސިލަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ބައި އިލެކްޝަންސްތަކަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން މަދާމާ އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.