ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބި ބަޔަކަށް "ހާއްސަ އިނާޔަތް" ދިން މައްސަލައެއްގައި ފަސް ފުލުހެއްގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

އެގޮތުން އޭސީސީން ދައުވާކުރަން ފޮނުވާފައި ވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ސ ހިތަދޫ، ފިޔަނޫމާގެ، ހުސައިން ރަޝީދު އާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ ގދ. ރަތަފަންދޫ، ހުވަނދުމާގެ މައުމޫނު ޖައުފަރާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ ހދ ކުޅުދުއްފުށި، ވެޔޮދޮށުގެ އަބޫބަކުރު އަލީ އާއި، ސްޓޭޝަން އިންސްޕެކްޓަރ ބ. ދަރަވަންދޫ، ހަމަތަ، އަބްދުﷲ ވަހީދާއި ސަބް އިނިސްޕެކްޓަރ ޏ. ފުވައްމުލައް، ޖަވާހިރު ވާދީގެ މުޖުތަބާ ޒާހިރުގެ އިތުރުން މާލެ، ފްލެޓް ނަމްބަރު 01-1-133 އާތިފް ނައީމް ގެ މައްޗަށެވެ.

ފަސް ފުލުހުންގެ މައްޗަށް ދައުވާ އުފުލަން ފޮނުވާފައި ވަނީ ދޫނިދޫ ޖަލުގައި ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި ބައެއް ކުއްވެރިން ރަށުތެރެއަށް ދޫކޮށްލައި މެސްރޫމުން ކާންދީ، ކެއްކުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ވާތީ ކަމަށް އޭސީސީން ބުންޏެވެ.

އަދި ބައެއް ކުށްވެރިންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދީ އެތަނުގައި ޓީވީ ބެލޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

އޭގެއިތުރުން ބަންދުކޮށްފައި ތިބޭ ބައެއް ކުށްވެރިން ލައްވައި ރުކުން ރާ ބާލައިގެން ރުކުރާ ވިއްކުމާއި، އަދި ކާށި، ކުރުނބާ ދޮންކެޔޮ ފަދަ ތަކެތި ވިއްކައި އޭގެން ލިބޭ ފައިސާ ދޫނިދޫގައި ވެރިންނަށް ތިބޭ މީހުން ބޭނުން ކުރާ ކަމަށްވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ދޫނިދޫގައި ބަންދުގައި ހުރި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ހުކުމް ކުރި ފަހުންވެސް ދޫނިދޫގައި ބަހައްޓާފައިވާތީ އެމައްސަލައާއި ގުޅިގެން ދައުވާކޮށްދިނުމަށްވެސް އޭސީސީން ވަނީ ޕީޖީގައި އެދިފަ އެވެ.

އެ މައްސަލާގައި ފަސް ފުލުހެއްގެ މައްޗަށް ދައުފާ އުފުލަން ފޮނުވާފައިވާއިރު، އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލަން ފޮނުވާފައިވަނީ އެ އަމަލުތަކުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.