މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ބޭންކުގެ އެޖެންޓުން ބައިތިއްބާނެ ކަަމަށް ގައުމީ ބޭންކުގެ ފުރަތަމަ އަންހެން ޗެއާޕާސަން ފަރީހާ ޝަރީފު ވިދާޅުވެއްޖެ އެވެ.

މަގާމާއި ހަވާލުވުމަށް ފަހު މީޑިއާ ދެއްވި ފުރަތަމަ އިންޓަވިއު 'ސަން' އަށް ދެއްވަމުން ފަރީހާ ވިދާޅުވީ، އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ އިންތިޒާމް ސަތޭކަ ރަށަކުން މިހާރުވެސް ލިބޭނެ ކަަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބޭންކުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ހިސާބަށް ފުޅާކުރެވޭނެ ގޮތްތައް ބަލާނަން. މިކަމުގައި އަޅުގަނޑުމެންނަށް ސަރުކާރާއި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބޭ،" ފަރީހާ ވިދާޅުވި އެވެ.

ފަރީހާ ވަނީ ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ވައިކަޓޯއިން މާސްޓާސް އޮފް މެނޭޖްމެންޓް ސްޓަޑީޒް (ފަސްޓް ކްލާސް) ހާސިލްކޮށްފައެވެ. ފަރީހާ އަކީ އިނގިރޭސިވިލާތުގެ ސެޓިފައިޑް ޕަބްލިކް އެކައުންޓްސްގެ (ސީޕީއޭ) ގެ މެމްބަރެކެވެ. އަދި އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުުންޓްސް (އޭސީސީއޭ) ގެ މެެމްބަރެކެވެ.

ބީއެމްއެލްގެ ފުރަތަމަ އަންހެން ޗެއާޕާސަން ފަރީހާ ޝަރީފު -- ފޮޓޯ: ފަރީހާ ޝަރީފު

ޕެންޝަން ބޯޑުގެ މެމްބަރުކަން ހަ އަހަރުކޮށްފައިވާ ފަރީހާ ވިދާޅުވީ، ގައުމީ ބޭންކުގެ ޗެއާޕާސަންކަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" ބޯޑުތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ތަފާތު ކަންތައް ކުރެވެމުންދާކަން ފާހަގަކުރަން. އަދި ބޭންކުގެ ބޯޑުގައި ތިން އަންހެން ބޭފުޅުން ތިބުމާއި އެކު ބޭންކުގެ ބޯޑު މިހާރު އެހެން ގިނަ ބޯޑުތަަކަށް ނަމޫނާއަކަށް ވާނެ" ފަރީހާ ވިދާޅުވި އެވެ.

ފަރީހާގެ އިތުރުން ބޭންކުގެ ބޯޑުގައި ހިމެނޭ އަންހެން ބޭފުޅުންނަކީ އައިޝަތު އަރްޝާ އާއި އިބްތިޝާމާ އަހުމަދު ސައީދު އެވެ.

ބޭންކް އޮފް މޯލްޑިވްސް މިހާރު ކުރިއަށްދާ މިސްރާބު ރަނގަޅުކަމަށާއި ބޭންކުގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަަމަށް ވެސް ފަރީހާ ވިދާޅުވި އެވެ. އެގޮތުން 2014 ވަަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ރިކޯޑްމިންވަރަކަށް ފައިސާ ބަހަން ނިންމާފައިވާ ކަމަށް ފަރީހާ ވިދާޅުވިއެވެ.

ބޭންކުން ވަނީ 2014 ވަަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 16 ރުފިޔާ ބަހަން ފާސްކޮށްފައެވެ. ބޭންކުގެ މިސްރާބު ކުރިއަށް ގެންދިއުމަށް ފުރިހަމަ އަށް އެހީތެރިވެދެއްވާނެ ކަަމަށް ފަރީހާ ވިދާޅުވި އެވެ.

"ބޭންކު އިތުރަށް ކުރިއަރައި ނަތިޖާ އިތުރަށް ރަނގަޅުކޮށް އެއްމެން ފަޚުރުވެރިވާފަދަ ބޭންކަކަށް ހެދުމަށް އިތުރަށް ކުރެވޭނެ މަސައްކަތްތައް އެބަހުރި. އަޅުގަނޑާއި އަދި ބޯޑުން މި މަސައްކަތުގައި ވީއެންމެ ފުރިހަމައަށް މެނޭޖްމެންޓަށް އެއްބާރުލުން ދޭނަން" ފަރީހާ ވިދާޅުވި އެވެ.

އަދި ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް އެންމެ މަތީ ދަރަޖައިގައި ހިފަހައްޓަން މަސައްކަތްކުރުމަށް އަހަންމިއްޔަތުކަން ދޭނެ ކަަމަށް ވެސް ފަރީހާ ވިދާޅުވި އެވެ.

ބޭންކުގެ އިންޓެރެސްޓްރޭޓް ބޮޑު ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރާކަމަށާއި އެކަމަށް އެއްވެސް ބަދަލެއް އައިސްދާނެތޯ ފަރިހާ އަށް ދެންނެވުމުން ވިދާޅުވީ، ބޭންކުގެ އިންޓަރެސްޓް ރޭޓަކީ ބާޒާރުގައި ވަރަށް ވާދަވެރި އިންޓްރެސްޓް ރޭޓެއް ކަަމަށެވެ.

" ރަހުނެއް ނުނަގައި ދޫކުރާ ލުއި ލޯނު ފަދަ ލޯނުގެ އިންޓްރެސްޓް، ރަހުނު ބަހައްޓާފައި ނަގާ ހޯމް ލޯނު ފަދަ ލޯނުތަކާއި އެއްވަރަށް ތިރިނުކުރެވިދާނެ،" އޭނާ ވިދާޅުވިއެވެ.

އަދި އެހެންބޭންކުތަކާއި އަޅައިބަލާއިރު ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް، ޕީއޯއެސް ޓާމިނަލް އަދި އެޖެންޓުން ގިނަވުމުގެ ސަބަބުން ބޭންކުގެ އިންފްރާސްޓްރަކްޗާ ޚަރަދު ބޮޑު ކަމަށާއި އެހެންނަމަވެސް ބޭންކުގެ ފީތައް ވަނީ 'ވާދަވެރި އަދި ބައެއް ފަހަރު އެހެންބޭންކުތަކަށް ވުރެ ދަށުގައި ހިފަހެއްޓިފަ' ކަމަށް ފަރީހާ ވިދާޅުވި އެވެ.