ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު ޒުވާން އުމުރަކަށް ބަދަލު ކުރަން ހުށަހަޅާފައިވާ އިސްލާހަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދިއެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދު ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ، ގާނޫނު އަސާސީއަކީ ބޭނުން ވެއްޖެ ހިނދެއްގައި އިސްލާހު ގެނެވިދާނެ އެއްޗެއް ކަމަށެވެ.

އިބޫ ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެހެންނަމަވެސް އެއީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓު ލެވޭ އުމުރު މިއީ ސިޔާސީ މަގާމުތަކަށް ކުރިމަތިލެވޭ އުމުރުތަކުގެ ގޮތުގައި ބޭއްވުމަށް އަޅުގަނޑު ތާއީދު ކުރަން. އުމުރު ދަށް ކުރުމުގެ ބަޔަށް އަޅުގަނޑަށް ތާއީދު ކުރެވޭ. އިންތިހާބުތަކުގައި ވޯޓުލެވޭ ކޮންމެ ބޭފުޅަކަށް އިންތިހާބުތަކުގައިވާދަ ކުރެވޭނެ ގޮތަށް ބަދަލު ކުރަން ހަމަ ހުށަހަޅަންވީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ގާނޫނެއް އިސްލާހު ކޮށްގެން އެ ގާނޫނުން ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް އުޅުމުން ގެއްލުންތަކެއް ކުރިމަތިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެންނަންޖެހިފައިވާ ކަމަށާއި އެހެންނަމަވެސް ގެންނައިރު ވަކި މީހަކަށް ނުވަތަ ބަޔަކަށް މަންފާއެއް އޮންނަ ގޮތަށް އެކަން ކުރުމުން ލިބޭނީ ގެއްލުން ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް 65 އަހަރުވެފައިވާ ބޭފުޅަކަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެފައިވާ ބުނުމަށް ކޮމިޓީ މަރުހަލާގައި ވިސްނާލުން އެދޭ ކަމަށެވެ.

"ރައީސް ކަމުގައި ބަހައްޓާނީ ކޮން އުމުރެއްގެ ބޭފުޅެއްތޯ އެ ނިންމަވާނީ ރައްޔިތުން. އަޅުގަނޑުމެންނެއް ނޫން. އަޅުގަނޑުމެން ކުރަންޖެހޭނެ މަސައްކަތަކީ އިންސާފުވެރި އަދުލުވެރި އިންތިހާބެއް ބޭއްވޭނެ ގޮތެއް ހަދައިދިނުން،" އިބޫ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު އެވެ.

ބިލު މަޖިލީހަށް ހުށަހަޅައިދެއްވަމުން މުހައްމަދު މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭނެ އުމުރު 30 އަހަރަށް ބަދަލު ކުރަން ހުށަހެޅީ އެ މަގާމު ފުރުއްވޭނެ ފަދަ ގާބިލު ޒުވާން ބޭފުޅުން ރާއްޖޭގައި ވެސް ތިބެމެ އެފަދަ ޒުވާން ބޭފުޅުންނަށް އެ ފުރުސަތު ދިނުން ކަމަށެވެ.

މުހައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމުގެ އެންމެ ދޮށީ އުމުރު ކަނޑައަޅާފައި ވަނީ އެ މަގާމަކީ ބުރަ އަދި އެހާމެ ޒިންމާ ބޮޑު މަގާމަކަށް ވުމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި ވެސް ބުނެފައި އޮންނަނީ ޕެންޝަން ލިބެންޖެހޭ އުމުރަކީ 65 އަހަރު ކަމަށް ބުނެފައިވާ ކަމަށެވެ.