ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަދި ހާއްސަކޮށް ބުޅި ރީތި އިސްތަށިގަނޑެއްގެ ވެރިއެއްގެ ގޮތުގައި އެންމެވެސް ސިފަކުރާ ކަންގަނާ ރަނައުތް ކުރިއަށް ކުޅެން ތައްޔާރުވަމުން އަންނަ ފިލްމު "ކައްޓީ ބައްޓީ"ގައި އޭނާގެ އިސްތަށިގަނޑު ބާލަން ނިންމައިފި އެވެ.

ކަންގަނާގެ ބުޅި އިސްތަށިގަނޑު ދެކެ ލޯބިވާ ފަރާތްތަކަށް މިއީ ވަރަށް ހިތާމަވެރި ހަބަރަކަށް ވެގެން ދާނެ އެވެ.

ނަމަވެސް ކަންގަނާ އޭނާ ކުރިއަށް ކުޅެން އޮތް ފިލްމުގައި ބޯބާލައި އޭނާގެ ސަޕޯޓަރުންނަށް ހައިރާންކަމެއް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި އެ ފިލުމުގެ ޕްރޮޑިއުސަރު ވެސް ވަނީ ބައެއް މީޑިއާތަކަށް އެކަން ކަށަވަރުކޮށްދީފަ އެވެ.

ކަންގަނާ ރަނައުތް -- ފޮޓޯ -- ފޮކްސް ނިއުސް

އާންމުންގެ މެދުގައި ކަންގަނާ ބޮޑަށް މަޝްހޫރުވެގެން ގޮސްފައި ވަނީ "ތަނޫ ވެޑްސް މަނޫ" އެ ފިލްމުންނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މިފަހަރު އޭނާ މިކުޅޭ ފިލްމަކީ އާންމުންގެ މެދުގައި އޭނާގެ މަގުބޫލުކަން ބޮޑުވެގެން ދާނެ ފިލްމެކެވެ.

ކަންގަނާގެ ރީތި ބުޅި އިސްތަށިގަނޑު ދެކެ ލޯބިވާ ގިނަ ފޭނުންނަށް އުފާވެރި ހަބަރެއްވެސް އެބައޮތެވެ. އެއީ ކަންގަނާ ބޯ ބޭލި ނަމަވެސް އަދި އިސްތަށި ނުފަޅާގޮތަށް ނުހަދާ ކަމެވެ. އެހެން ކަމުން ފިލްމަށް ފަހު އޭނާގެ ބުޅި ރީތި އިސްތަށިގަނޑު ދިގުވުމުން ހަމަ ކުރިއެކޭ އެއްގޮތަށް ބުޅިކޮށް ހުއްނާނެ އެވެ.

ކަންގަނާ ރަނައުތް އަދި އިމްރާން ހާން -- ފޮޓޯ -- ފޮކްސް ނިއުސް

ކަންގަނާގެ އިތުރުން އިމްރާން ހާންވެސް އުޅޭ އެ ފިލްމުގައި ކަންގަނާ ކުޅެނީ ކެންސަރުޖެހިފައިވާ މީހެއްގެ ރޯލެވެ. އޭނަ ބޯބޭލުމަށް ހަމަޖެހިފައި ވަނީ އެބައިގައި އޭނާގެ ބޮލުން އިސްތަށިފައިބާ މަންޒަރު ދައްކާ ދިނުމަށެވެ.

ނިކިލް އަދްނަވީ ޑައިރެކްޓް ކުރާ އެ ފިލްމު ރިލީސް ކުރަން ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ.