09 Jun 2015, 11:20
ރާއްޖޭގައި އަންހެން ފުޓްބޯޅަ ދެމެހެއްޓެނިވި ގޮތަކަށް ދިރިވުންއެއީ ޓީމްގެ މެދު ރާސާތާ އަމާޒުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދި ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޓީމްގެ މެނޭޖަރު ޢާއިޝަތު ރަފިއްޔަ ވިދާޅުވެއްޖެ އެވެ.
ސަންއަށް ދެއްވި އިންޓަވިއުގައި ރަފިއްޔާ ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ޓީމަށް ދިމާވި ޓެކްނިކަލް މައްސަލަތައް ދެނެގަނެ މިއަންނަ އަހަރަށް ތައްޔާރުވާނެ ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް އަންހެން ފުޓްބޯޅަ ދިރުވޭނީ ކިހިނެތޯ ބަލައި ތައްޔާރު ވާނެ ކަމަށެވެ.
"މި މުބާރަތުގައި އަޅުގަނޑުމެންނަށް މައްސަލަތަކެއް ހެދިފައި ހުންނާނެ ދެއްތޯ! އެގޮތުން ޓެކްނިކަލީ އަޅުގަނޑުމެންނަށް ހެދިފައި ހުރި ޓެކްނިކަލް މައްސލަތަކަށް ބަލައި، ދެން ހަމަ އިއާދަ ކުރުވަނިވި ގޮތަކަށް، ސަސްޓެއިނަބަލް ގޮތަކަށް ދިރުވޭނީ ކިހިނެއްތޯ މީ އަޅުގަނޑުމެންގެ މިއަދުގެ އެންމެ ބޮޑު ސުވާލަކީ،" ރަފިއްޔާ ވިދާޅުވި އެވެ.
ރަފިއްޔަ ވިދާޅުވީ ސަން ޓީމަކީ އަބަދުވެސް އާ ކުޅުންތެރިން އުފެއްދުމަށް އިސްކަންދޭ ޓީމެއް ކަމަށާއި އެގޮތުން 14 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިން ސަން ޓީމްގައި ހިމެނޭ ކަމަށެވެ.
ރަފިއްޔާ ވިދާޅުވީ، ކޮންމެ ޓީމެއްވެސް ނިކުނަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ކަމަށާއި ނަމަވެސް ސަން ޓީމްގެ އަމާޒަކީ ހަމައެކަނި ޗެމްޕިއަންކަން އެކަނި ނޫން ކަމަށާއި އަންހެން ފުޓްބޯޅަ ކުރި އަރުވައި ދިވެހި އަންހެން ކުދިން ސްޕޯޓްސްގެ ޒަރިއްޔާއިން ބާރުވެރި ކުރުވުން އެއީ ސަން ޓީމްގެ މައި އަމާޒު ކަމަށެވެ.
ސަން ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފައިދާ ކުރި ކަމަށާއި ޖަރުމަނުން ގެނައި ދެ ކުޅުންތެރިންގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް އިތުރު ފުރުސަތު ތަކެއް ލިބިގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސަން ޓީމްގެ ދެ ކުޅުންތެރިޔަކަށް ޖަރުމަންގެ ޓްރޭނިންގ ކޭމްޕެއްގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވާ ކަމަށް ވެސް ރަފިއްޔާ ވިދާޅުވި އެވެ.
ރަފިއްޔާ އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުގެ ޓީމެއްގައި ކުޅުމުގެ ފުރުސަތު ލިބުނު އަންހެން ކުޅުންތެރިޔަކީވެސް ސަން ޓީމްގެ ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ސަން ޓީމްގެ ކެޕްޓަން އަރީޝާ ރިޒާ ޕާކިސްތާންގެ ޓީމަކަށް ކުޅެ އެޓީމަށް ޗެމްޕިއަންކަންވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަހަރުވެސް އަރީޝާއަށް އެ ދައުވަތު ލިބިފައިވާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.