ވަކި މީހަކު ނައިބް ރައީސް ކަމަށް ގެންނަންޖެހޭ ކަމަށް ވާނަމަ ޕީޕީއެމް ޕާލަމެންޓުރީ ގުރޫޕުން އެކަން ކުރާނެ ކަމަށް އެޕާޓީގެ ނައިބް ރައީސް އަދި ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރުކަމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރަމުން އަބްދުލް ރަހީމް ވިދާޅުވީ، އެ އިސްލާހަށް "އަމިއްލަގޮތުން" ތާއީދު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީނާއެކު ރައްޔިތުންނަށް ހިދުމަތްކުރަން "ސްޕީޑް ހުރި" ވަފާތެރި ބޭފުޅުން ތިއްބަވަން ޖެހޭ ކަމަށާއި، އެހެން ކަމުން ވަކި މީހަކު ނައިބު ރައީސްކަމަށް ގެންނަން ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހެއް ގެނައުމަށް ތާއީދުކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެން މިއުޅެނީ ވަކި ބޭފުޅަކު ނައިބު ރައީސް ކަމަށް ގެންނާކަށެއް ނޫން. އެެހެންނަމަވެސް ގެންނަން ޖެހޭ ކަމަށްވަންޏާ، އެ ގެންނަންވެސް ޕީޕީއެމްގެ ޕާލަމެންޓަރީ ގުރޫޕުން މިތިބީ ތައްޔާރަށް. އެކަން އަޅުގަނޑުމެން ކުރަންޖެހޭ ހާލަތެއްގައި ކުރާނަން،" އަބްދުލް ރަހީމް ވިދާޅުވި އެވެ.

އެމްޑީއޭއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ ބިލުގެ ބަހުސް މިއަދު ފަށާފައިވާއިރު ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުވެސް ވަނީ އެބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި އެބިލާ ގުޅޭގޮތުން މުހިންމު ނިންމެވުންތަކެއް މިއަދު މެންދުރު ފަހު ނިންމަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުން އެބިލަށް ތާއީދުކޮށް ވާހަކަ ދައްކަވަމުން ގެންދަވާއިރު އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ގާނޫނު އަސާސީއަށް ބަދަލުގެންނަން، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މަސައްކަތް ކުރައްވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ. ނަމަވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައި ކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޝަރުތުތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވެސް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ކަމަށެވެ. މެމްބަރު މުހައްމަދު ހުށަހެޅުއްވި އިސްލާހު ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ކޮންމެ ފަރާތަކަށް ވެސް ހިނގާނެއެވެ.