09 Jun 2015, 10:22
ބިދޭސީ މުވައްޒަފުންނަށް އިނާއަތް ދިނުމަކީ އިހްތިޔާރީ ކަމެއް ކަމަށާއި އަދި އެބިލަށް އަމިއްލަ ކުންފުނިތަކުން އަމަލު ކުރުން އެއް އަހަރަށް ފަސްކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނުގެ އިސްލާހު ކޮމެޓީން ފާސްކޮށްފި އެވެ.
ހަމަހަމަ އުސޫލަކުން ރޯދަ އިނާޔަތް ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލް އިޖުތިމާއީ ކޮމިޓީން ރޭ ފާސްކޮށް ތަޅުމަށް ފޮނުވާފައިވާ އިރު ކޮންމެ ދިވެހި މުވައްޒަފަކަށް 3000 ރުފިޔާ ދޭން ޖެހެ އެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުން އެއަށް އަމަލުކުރަން ޖެހޭނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހިޖުރީ ގޮތުން އެއް އަހަރު ފަހުން ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން މިރޯދަ މަހު އަމިއްލަ ކުންފުނިތަކުން އިނާޔަތުގެ ގޮތުގައި ދޭން ޖެހޭނީ އެ މީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބަ އެވެ.
އެންމެ މަދުން ރޯދަ އިނާޔަތުގެ ގޮތުގައި 2000 ރުފިޔާ ދޭން ޖެހޭ އިރު އެންމެ ގިނަވެގެން ދެވޭނީ 10،000 ރުފިޔާކަމަށް ބުނެފައިވެ އެވެ.
ބިދޭސީ މުވައްޒަފުންނަށް އިނާއަތް ދިނުމަކީ އިހްތިޔާރީ ކަމެއް ކަމަށް ކޮމެޓީ އިން ވަނީ ފާސްކޮށްފަ އެވެ.
އިޖުތިމާއީ ކޮމިޓީން އެގޮތަށް ފާސްކުރީ ކޮމިޓީއަށް އެ ވަގުތު ހާޒިރުވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އިއްޔެ މަޖިލީހަށް ފޮނުއްވި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މުހައްމަދު އަލީ ވިދާޅުވީ، ރޯދަ ފަރުޟު ކޮށްފައި ވަނީ ފަގީރުންނާއި މުއްސަނދިން ވެސް ހަމަހަމަކޮށް ރޯދަ ހިފުމަށް ކަމަށް ވިޔަސް މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި އޮތީ ބޮޑު މުސާރަ ލިބޭ މީހާ އާއި ކުޑަ މުސާރަ ލިބޭ މީހާ ހިފާ ރޯދައިގެ ތަފާތު ކަމެއް ވާ ކަން ދައްކުވައިދޭ ސަގާފަތެއް ކަމަށެވެ.
ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާއެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާއެކު މި އަހަރު ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ވަނީ ވިދާޅުވެފަ އެވެ.