ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓް ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓްރީކުރުމަށް އަންނަ ހޮނިހިރު ދުވަހު ޚާއްްސަ ސެޝަނެއް ބާއްވާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނަކިމް ޑިވެލޮޕްމެންޓުން ބުނެފި އެވެ.

މި ސެޝަން އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމެންޓް އޮފީސް ކުރިމަތީ ބޮޑުތަކުރުފާނު މަގުގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މި ސެޝަނުގައި ދޭން ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރީގެ ނަން ފާސްކޮށްދިނުމާއި ވިޔަފާރި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވާނެ ކަަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރާ ފޯމާއި އައިޑީކާޑުގެ ކޮޕީ ހުށަހެޅުމުން ވަގުތުން ވަގުތަށް ފޯމް ޕްރޮސެސް ކުރުމަށް ފަހު ވިޔަފާރި ރަޖިސްޓްރީގެ ސެޓްފިކެޓް ދޫކުރާނެ ކަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއް ރަޖިސްޓްރީ ކުރަން ޖެހެއެވެ. މިއަހަރުގެ މިހާތަަނަށް 4500 އަށް ވުރެ ގިނަ އަމިއްލަ ވިޔަފާރި ވަނީ ރަޖިސްޓްރީކޮށްފައެވެ.