( ޕަޓްނާ، އިންޑިއާ. އޭޕީ) އިންޑިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މާއޮއިސްޓުންގެ 12 މީހުން އެގައުމުގެ ފުލުހުންގެ ހަމަލާއެއްގައި މަރުވެއްޖެ އެވެ.

މާއޮއިސްޓުންނަށް ފުލުހުން ހަމަލާދިނީ އެގައުމުގެ އިރުމަތީގައިވާ ޖަރުޚާންދު ސްޓޭޓްގެ ޕަލާމޫ ޑިސްޓްރިކްޓްގައި ތިބި މައިންނިން ކޮންޓްރެކްޓަރުންތަކެއްގެ އަތުން ފައިސާ އަތުލުމަށް އެ ރަށަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް އިންޑިއާ ފުލުހުން ބުންޏެވެ.

ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް އެސްއެމް ޕްރަދާން ވިދާޅުވީ ފުލުހުން ދިން ހަމަލާއަށް ފަހު މާއޮއިސްޓުންގެ 12 މީހެއްގެ ހަށިގަނޑާއި ހަތިޔާރުތައް ފެނިފައިވާ ކަމަށެވެ.

އިންޑިއާ ފުލުހުންނާ މާއޮއިސްޓުންނާ ދެމެދު ފަހަކަށް އައިސް ގިނަ ހަމަލާތަކެއް ބަދަލުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ހަމަ އެސަރަހައްދުގައި މާއޮއިސްޓުން ދިން ހަމަލާއެއްގައި އިންޑިއާ ފުލުހުންގެ ހަމީހުން މަރުވި އެވެ. އެ ހާދިސާ ހިނގީ އިންޑިއާގެ އާއްމު އިންތިހާބުގައި ވޯޓްލުން ކުރިއަށް ދަނިކޮށެވެ.

އިންޑިއާ ސަރުކާރާ ހަނގުރާމަކުރާތާ މިހާރު 10 އަހަރަށް ވުރެ ގިނަވެފައިވާ މާއޮއިސްޓުން ބުނެފައި ވަނީ އެމީހުން ހިތްވަރު ލިބިގަތުމުގައި ނަމޫނާއަކަށް ބަލަނީ ޗައިނާގެ އިންގިލާބީ ލީޑަރު މާއޯ ޒޭޑޮން ކަމަށެވެ.