ޓްރިޕް އެޑްވައިޒާގެ މިއަހަރުގެ ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓަކަށް ގިލިލަންކަންފުށި ހޮވިއްޖެއެވެ.

ދުނިޔޭގެ އެއްމެ މަގުބޫލު 25 ރިސޯޓް ލިސްޓްގައި ވަނީ ރާއްޖޭގެ އެހެންބައެއް ރިސޯޓްތައް ވެސް ހިމެނިފައެވެ. އޭގެ ތެރޭގައި އެ ލިސްޓުން ހަވަނަ ޖާގަ ހޯދި ކޮކޯ މޯލްޑިވްސް އާއި 15 ވަނަ މަގާމު ހޯދި ކޮންސްޓަންސް މޫފުށި ރިސޯޓް ހިމެނެއެވެ. މި މަގާމުތައް ހޮވާފައި ވަނީ އެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިން ރިވިއުތަކަށް ބެލުމަށް ފަހުއެވެ. ޓްރިޕް އެޑްވައިޒާއިން ވަނީ ދުނިޔޭގެ 8100 ޕްރޮޕަޓީ އަށް ލިބިފައިވާ ރިވިއުތަކަށް ބަލާފައެވެ.

ގިލި ލަންކަންފުށީގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް ރިސޯޓަށް ތައުރީފްކޮށްފައެވެ. އަދި އެއީ ދުނިޔޭގެ މަތީގެ ސުވަރުގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މި ރިސޯޓްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 'ނޯ ނިއުސް ނޯ ޝޫޒް' ޕޮލިސީއެވެ. މި ރިސޯޓްގައި ބޫޓަށް އަރައިގެން އުޅުމަކީ ހުއްދަކަމެއް ނޫނެވެ. މި ރިސޯޓްގައި 45 މޫދު ކޮޓަރި ހުރެއެވެ. މި މޫދު ކޮޓަރި އަށް ދިއުމަށް ފާލަމެއް ނުހުރެއެވެ. ދާންޖެހޭނީ ބޮއްކުރައެއްގައެވެ.

ޓްރިޕްއެޑްވައިޒާ އަކީ ފަތުރުވެރިންނަށް އެކިއެކި ހޯޓާތަކާއި ބެހޭ މައުލޫމާތުގެނެސްދޭ އަދި ހޮޓާތައް ބުކު ކުރަން ގިނަ ބަޔަކު ބޭނުންކުރާ ވެބްސައިޓެކެވެ. ދުނިޔޭގެ ދެވަނަ އަށް އެންމެ މަގުބޫލު ރިސޯޓަކަށް ހޮވިފައި ވަނީ ކޮސްޓަރިކާގެ ހޮޓަލެއް ކަމަށްވާ ނަޔަރާ ހޮޓެލެވެ. އަދި ތިން ވަނަ އަށް ހޮވިފައި ވަނީ ކެމްބޯޑިއާގެ ހޮޓަލެއް ކަމަށްވާ ޝިންޓާ މަނީ ކްލަބް ސިއެމް ރީޕް އެވެ.

ގިލި ލަންކަންފުށީގެ ވޯޓާ ވިލާއެއް -- ފޮޓޯ: ގިލިލަންކަންފުށި ރިސޯޓް

ސޮނޭވާ ގިލީގެ ނަމުގައި ކުރިން އޮޕަރޭޓްކުރަމުން އައި ރިސޯޓް ވަނީ ގިލިލަންކަން ފުށި ނަމަށް ބަދަލުކޮށްފައެވެ. އެ ރިސޯޓުން މޫދުކޮޓަރިއަކަށް ރެއަކަށް ގާތްގަނޑަކަށް 1000 ޑޮލަރު ނަގާއެވެ.

ޓްރިޕް އެޑްވައިޒާ އިން މިފަދަ އެވޯޑްތައްދޭ މީ ތޭރަ ވަނަ ފަހަރެވެ.