ސަރުކާރުން ކުރަމުންދާ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހިޔާލު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ޕަބްލިކް އެފެއާޒް ކޯޑިނޭޓަރު އަައިޝަތު ލީޒާ "ސަން" އަށް މިރޭ ވިދާޅުވީ ރައީސް އޮފީހުގެ ވެބުސައިޓުގައި "ޑިއާ ޕުރެޒިޑެންޓު" ކިއާ ވަކި ހާއްސަ ކޮލަމެއް އަންނަ އާދިއްތަ ދުވަހުން ފެށިގެން އިންނާނެ ކަމަށެވެ. އަދި ވިދާޅުވީ އާންމު ރައްޔިތުންނަށް އެ ފަރާތެއް ބޭނުންވާ ދާއިރާއަކުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ލީޒާ ވިދާޅުވީ އެ ކޮލަމަށް އަންނަ ހިޔާލުތައް ހަފްތާއަކު އެއްފަހަރު ބަލަމުން އަންނާނެ ކަމަށެވެ. އަދި އާންމު ރައްޔިތުން ހުށަހަޅާ ހިޔާލުތައް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީކުލީ ތައްޔާރު ކުރެވޭނެ ރިޕޯޓުތަކެއް. އެ ރިޕޯޓުން އަޅުގަނޑުމެންނަށް އެނގިގެން ދާނެ ވަކި އޭޖެއްގެ މީހުން ބޭނުން ވަނީ ކޮން ކަންތައްތަކެއްކަން. ވަކި އޭޖެއްގައި ހުރި މި ވެނި ދާއިރާއަކުން ކޮން ކަންބޮޑުވުންތަކެއްކަން. އެހެންވީމަ ވީކުލީއާ މަންތުލީ ރިޕޯޓުތަކެއް ތައްޔާރު ކުރެވި އެއަށް ބޭސްކޮށްފައި ސަރުކާރުން މި ކުރާ މަސައްކަތްތަކުގައި އޭގައި އެކަށީގެންވާ ހިޔާލު ކުރެވޭނެ ހިޔާލެއް މިސާލަކަށް ބަދަލުތަކެއް ގެނެވޭނެ ކަހަލަ ހިޔާލުތައް ހުރެއްޖެ ނަމަ އިމްޕުލިމެންޓު ކުރާއިރުގައި އެބައިބައި ހިމަނައިގެން ކުރިއަށް ގެންދަން އޮތީ،" ލީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަށީގެންވާ ރަނގަޅު ހިޔާލުތަކެއް ހުށަހަޅާފައިވާ ނަމަ އެ ހިޔާލުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ފެންނަން ހުންނާނެ ކަމަށެވެ. ލީޒާ ވިދާޅުވީ ބައެއް ހިޔާލުތަކުގައި ޖަވާބެއް ބޭނުންވާ ކަހަލަ ހިޔާލެއް އޮތުން އެކަށީގެންވާ ކަމަށާއި އެހެން ކަމުން އެ ހިޔާލުތަކަށް ޖަވާބު ވެސް ލިބޭނެ ކަމަށެވެ.

ލީޒާ ވިދާޅުވީ މަހެއްހާ ދުވަހު އެކަމަށް ލިބޭ ތަރުހީބު ބެލުމަށްފަހު ޝޯޝަލް މީޑިއާގައި ވެސް އެކަން ފުޅާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.