09 Jun 2015, 09:45
ތަށިދޮންނަން ބޭނުންކުރާ "ލިކުއިޑް" އާއި އަންނައުނު ދޮންނަން ބޭނުންކުރާ ޕައުޑަރުން ފޮނު ނާރަނީ އެވެ. "ޝަވަޖެލް" ފަދަ ތަކެތީގައި މީރު ވަހެއް ނުހުންނަތާ އޭގެ ތާސީރެއްވެސް ނުހުންނަނީ އެވެ. އެހެރަ އަގު ހެޔޮކޮށް ވިއްކާ ފައިވާންތަކުގެ ވަދު ދެތިން ދުވަހުގެ ތެރޭގައި ނެއްޓޭ ވާހަކަ އާންމު ވެއްޖެ އެވެ. ފުޓްބޯޅަ ބޫޓް ފަދަ ތަކެތި އެއްފަހަރު ކުޅެލަން އަރާއިރަށް ތޮށިގަނޑު ދަނީ އެވެ. އެހެރަ ރީތި ފޮތިގަނޑުތައް ދޮވެލުމާ އެކު ކުލަ ދާ ވާހަކަ އާންމުވެއްޖެ އެވެ. މިއީ ފަހަކަށް އައިސް ކޮންމެ ނައިޓް މާކެޓަކާ ގުޅިގެން ދެކެވޭ ވާހަކަތަކެކެވެ. އިވޭ އަޑުތަކެވެ.
"ނައިޓް މާކެޓުން މާމާ [ތަށިފަދަ އެއްޗެތި ދޮންނަ ލިކުއިޑް] ގަނެގެން ތަށި ދޮންނަން ބޭނުންކުރިއިރު ހަމަ ފެން ގަނޑެއް. އެއްވެސް އެއްޗެސް ނުދޮވެވޭ. ހަމަ ފޭކް. ދެން ދަރިފުޅަށް ގަތިން ބޫޓެއް. ދުވަސްކޮޅަކު ވެސް ނޭރުނު. ފޮޅެން ފަށައިފި. އަނެއް ކޮޅުން ނެއްޓެން ފަށައިފި. އޭގެ ފަހުން މަވާ ސަލާމް،" ނައިޓް މާކެޓްގެ ތަޖުރިބާ ކިޔައިދެމުން މުއުމިނާ މުހައްމަދު، 43، ބުންޏެވެ.
އެ މާކެޓުގައި އެ ވިއްކާ ފޭކު ތަކެތީގެ ހަގީގަތަށް ބަލައިލަމާތޯ އެވެ. އެތައް ބަޔަކު ދައްކާ އެ ވާހަކައިގެ ތެދެއްވެ އެވެ. އެއީ އެ މާކެޓުގެ މޭޒުތައް ހިންގާ ވެރިން ހިންގާ ބޮޑު ޖަރީމާއެކެވެ. މި ބުނަނީ ހުރިހާ މުދާ ފޭކު ވާހަކައެއް ނޫނެވެ. ނަމަވެސް ގިނަ އަދަދަކަށް ފޭކު މުދާ ވިއްކަ އެވެ. ކޮންމެ އަހަރަކު ވެސް ނައިޓް މާކެޓާ ދިމާކޮށް ރާއްޖޭން ބޭރަށް ގޮސް އޮރިޖިނަލް ލޭބަލްގައި ފޭކް ބްރޭންޑްތައް ހައްދައިގެން އެތެރެކުރުމަކީ އެ ވިޔަފާރިވެރިންގެ ތެރެއިން ގިނަ ބަޔަކު ކުރާ ކަމެކެވެ. އަނެއް ބަޔަކު އަސްލު ބްރޭންޑް ގަޑުބަޑުކޮށްގެން އަސްލު ލޭބަލްގައި ގެނެސް ވިއްކުމަކީ ވެސް ކުރާ ކަމެކެވެ.

"އެ ގައުމުތަކުން ބްރޭންޑްތަކުގެ ބޮޑެތި ހަންހަން ގަނެގެން ފެކްޓަރީތަކަށް ގެންގޮސްގެން ބުނަނީ ތިމަންނަމެން ގައުމުގައި ވިއްކަން ބޭނުން ވަނީ މިވެނި އަގެއްގައޭ، އޭރުން އެފެކްޓަރީތަކުން އެ އަގަކަށް ސެޓްކޮށްލާނެ. މިސާލަކަށް އެއަށް އަޅާ މައުދަނަކުން މަދުކޮށްފައި. އެހެން ކަމަށްވަންޏާ ފޭކްވާނެ،" އެކަން ތަޖުރިބާ ކޮށްފައިވާ ފަރާތަކުން "ސަން"އަށް ވިދާޅުވި އެވެ.
މީގެ އަހަރުތަކެއް ކުރިން އެފަދަ ޕްރޮޑަކްޓް އެ މާކެޓަށް ހާއްސަކޮށް އެތެރެކޮށް ވިއްކަމުން ދިޔައީ އަސްލު އޮރިޖިނަލް ލޭބަލަށް ކުޑަ ތަފާތެއް ގެނެސްގެންނެވެ. މިސާލަކަށް ނަން ލިޔެފައި ހުންނަ އިރު އެއް އަކުރެއް މަދުކޮށް ނުވަތަ އިތުރުކޮށް ނުވަތަ އެ ބްރޭންޑަކާ ވައްތަރު ނަންތަކެއް ލިޔެގެންނެވެ. ނަމަވެސް މިފަހަކަށް އައިސް އެ ބުނާފަދަ ފޭކު ބްރޭންޑްތައް ހަމަ އެއް ލޭބަލެއްގައި ވިއްކަން ހުއްޓައި އެބަފެނެ އެވެ.
"އެ އޮރިޖިނަލް ލޭބަލްގައި ޗައިނާ ކަހަލަ ގައުމުތަކުގައި ޕެކްކޮށްލުމަކީ މާބޮޑުކަމެއް ނޫން. އެ ގައުމުތަކުގައި ލޭބަލް މި ހުންނަނީ ޕެކްކޮށްކޮށްފައި ވިއްކަން. ކޮންމެ އެއްޗެއްގެ ލޭބަލެއް ވިޔަސް ހަދައިދޭނެ،" ކަމާ ބެހޭ މަސްދަރަކުން ސަން އަށް މައުލޫމާތު ދެއްވި ފަރާތަކުން ބުންޏެވެ.
އެފަދަ ޕްރޮޑަކްޓްތައް ވިއްކަން ހުރި އަގުތަކަށް ބެލިޔަސް އެހާ އަގު ހެޔޮކޮށް އެ ވިއްކެނީ އޭގެ ފަހަތުގައި ބޮޑު ސިއްރެއްވާތީކަން އެބަ ޔަގީންވެ އެވެ. ތަށިދޮންނަން ބޭނުންކުރާ ލިކުއިޑްގެ ހަ ފުޅި 100 ރުފިޔާއަށް އެމާކެޓްގައި ވިއްކަ އެވެ. އެހެންކަމުން ފުޅިއެއް އެޖެހެނީ 16.6 ރ. ރުފިޔާއަށެވެ. ބާޒާރުގައި އެ ވިއްކަން ހުރީ 25 ރުފިޔާއަށެވެ. ދިޔާ "އޯމޯ"ގެ ބޮޑު ދެ ފުޅި 95 ރުފިޔާއަށް އެ މާކެޓުގައި ވިއްކާއިރު ބާޒާރުގައި އެއްފުޅި ވިއްކަނީ 75 ރުފިޔާއަށެވެ. އެނޫނަސް އެފަދަ އެތައް ބާވަތެއްގެ އަގުގައި ބޮޑެތި ތަފާތު އެބަހުއްޓެވެ. ގާތްގަނޑަކަށް 150 އަށް އާންމު ފިހާރަތަކުން ވިއްކަން ހުންނަ ފައިވާން 35 ރުފިޔާއަށް އެ ބާޒާރުން ލިބެއެވެ. އެކަމަކު ގިނަ ފައިވާނަށް އެރެނީ ދެތިން ދުވަހު އެވެ.

ނައިޓް މާކެޓުގެ ތެރެއިން: އެމާކެޓުގައި ފޭކްތަކެތި ވިއްކަން ހުރޭ-- ސަން ފޮޓޯ: ފަޔާޒު މޫސާ
އެފަދަ ފޭކު ބްރޭންޑްތައް އެ މާކެޓުން ގަނެ އަތޮޅުތެރެއަށް ވިއްކަން ފޮނުވުމަކީ ވެސް އާންމުކަމެކެވެ. މުޅި ރާއްޖެއަށް ފޭކު ބްރޭންޑްތައް ފެތުރެނީ އެވެ. މިއީ އެތައް ބަޔަކަށް ލިބުނު އަދި ލިބެމުންދާ މާލީ ގެއްލުންތަކެކެވެ. "ޝަވަޖެލް" ފަދަ ތަކެތި ފޭކް ހައްދައިގެން ވިއްކުމަކީ އެތައް ބަޔަަކަށް ހަންގަނޑުގެ ބަލިތައް ޖެހުން ގާތްކަމެކެވެ. އެއްޗެހި ދޮންނަން ބޭނުންކުރާ ލިކުއިޑް ފޭކު ކުރުމުން އެތައް އަންނައުނަކުން ކުލަ ދިއުމަކީ ވެފައިހުރި ކަންކަމެވެ.
އެފަދަ ކަންކަމާ ގުޅޭ ގޮތުން އެ މާކެޓު އިންތިޒާމު ކުރާ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، އެވިއްކަން ހުންނަ "ފޭކު" ބްރޭންޑުތަކަކީ ވެސް މާލޭގައި އާންމުކޮށް ވިއްކަން ހުންނަ ތަކެތި ކަމަށެވެ. ނައިޓު މާކެޓަށް ހާއްސަކޮށް އެފަދަތަކެތި އެތެރެކުރާ ކަމަށް އާސިފް ގަބޫލެއް ނުކުރައްވަ އެވެ.
"ނައިޓު މާކެޓަށް ހާއްސަކޮށް ނުގެނޭ އެކަހަލަ ތަކެއްޗެއް. އެއީ އަބަދުވެސް އެމީހުންގެ މުދާ ގެންނަން ދާ ތަންތަނަށް ނައިޓު މާކެޓަށް ދިމާކޮށްފައިވެސް ދަނީ. މާލޭގައި ހުރިހާ ތަނެއްގައި ވެސް ހުންނަ ފޭކު ބްރޭންޑު އެތާވެސް ހުންނަނީ،" އާސިފް ވިދާޅުވި އެވެ.
މުދާ "ފޭކު" ވާ ސަބަބުތަކަށް ބަލަމާތޯ އެވެ. ނައިޓް މާކެޓު ތައާރަފްކުރިއިރު އެއީ މާލޭގެ ފިހާރަތަކުގެ ސްޓޮކް ހުސްކޮށްލަން ވިޔަފާރިވެރިންނަށް ދިން ފުރުސަތަކަށް ވިޔަސް މިއަދު އެކަން އޮތީ އެހެނެއް ނޫނެވެ. ވިޔަފާރީގެ ކަމެއްގައި އެއްވެސް ވަރަކަށް ނޫޅޭ ފަރާތްތަކުން އެމާކެޓުން މޭޒު ގަނެގެން ރާއްޖެ އިން ބޭރުން މުދާ ހައްދައިގެން ގެނެސް ވިއްކަމުން ދަނީ އެވެ. އެހެންކަމުން އެ ބޭފުޅުންއަތުގައި ހުސްކުރާނެ ސްޓޮކެއް ނުހުންނާނެ އެވެ. މުޅިން ވެސް ހުންނީ ފައިދާ ނެރެން އެތެރެކޮށްފައި ހުންނަ ސްޓޮކެވެ.
ނައިޓު މާކެޓުގެ ވިޔަފާރި ދަށް ކަމަށް ބައެއް ވިޔަފާރިވެރިން ބުނާއިރު ހަގީގަތަކީ އެތައް ބަޔަކު މިއަދު އެ މާކެޓަށް އިތުބާރު ނުކުރާކަމެވެ. ހަމައެކަނި ކުނިކަހާ ފިއްސާއި މޮޕު ގަންނަނީ އެއަށް ފޭކު ނެހެދޭނެ ކަމަށް ގަބޫލްކުރެވޭތީ އެވެ. ދެން ހުންނަ ތަކެތި ގިނަ ބަޔަކު ސިފަ ކުރަނީ "ފޭކު" ނުވަތަ ގަޑުބަޑުކުރި މުދަލުގެ ގޮތުގަ އެވެ.

އެކަން ހައްލުވާނެ ގޮތަކަށް އޮތީ އެ މާރުކޭޓުގެ މަގުސަދާއި އެއްގޮތަށް މަސައްކަތް ކުރެވުމެވެ. އެއީ އެ މާކެޓު ފެށިގެން އައިއިރު ސްޓޮކުގައި ހުރި މުދާ އަގުހެޔޮކޮށް ވިއްކަން ބޭއްވި ފަދަ މާކެޓަކަށް ފުރުސަތު ދިނުމެވެ. އޭގެ ބަދަލުގައި ވިޔަފާރި އާއި ގުޅުންނެތް ފަރާތްތަކަށް ބޮޑަށް ފުރުސަތު ލިބިގެންދިއުމަކީ މާކެޓުގެ ކޮލިޓީ ވެއްޓި ފޭކުތަކެތި އިތުރުވާނެ ސަބަބެވެ. އެ މާކެޓު ގަނޑުބަނޑުވެފައި އެވަނީ އެހެންވެ އެވެ.