މާލޭގެ ގެއެއްގައި ހަށިވިއްކަން ތިބި ކަމުގެ ތުހުމަތުގައި ފުލުހުން ރޭ ހައްޔަރު ކުރި އަށް މީހުންގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ އެ އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މ. ވުޑްޕެކާގައި ހަށިވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އޭގެތެރެއިން ދިވެހި އެއް ފިރިހެނަކު ފިޔަވައި ދެން ތިބީ ހުސް ބިދޭސީންނެވެ.

ފުލުހުން ބުނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 9:00 އެހާކަންހާއިރު މ. ވުޑް ޕެކަރއަށް ފުލުހުން ވަތްއިރު އެގޭގައި ހަށިވިއްކުމުގެ އަމަލު ހިންގައި ވިޔަފާރިކުރިޔަށް ދިޔަ ކަމަށެވެ.

މ. ވުޑްޕެކާގައި ހަށި ވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު އަތުލައިގަތުމަށްފަހު އެގޭގެ ހަތަރު ކޮޓަރިއެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބަލައި ފާސްކުރި ކޮޓަރިތަކުން ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ބޭރު ފައިސާގެ އިތުރުން ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.