01 Mar 2011, 21:21
ލާމަރްކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޤައުމީ އިދާރާތަކުންދޭ ޚިދްމަތްތައް ދިނުމަށް އުފައްދައިފައިވާ ގައުމީ އިދާރާތަކުގެ އިދާރީ އޮނިގަނޑު ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ގައުމީ އިދާރާތަކުގެ އޮނިގަނޑު ކަނޑައަޅައިފައިވަނީ ގައުމީ އިދާރާތަކުގެ މަގާމުތަކުގެ އަދަދާއި، ޝަރުޠުތަކާބެހޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
ހަތް ގައުމީ އިދާރާގެ ވެރިންގެ ގޮތުގައި ނިންމަވައިފައިވަނީ ތިރީގައިވާ ބޭފުޅުންނެވެ.
1. މަތިއުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ މަގާމުގައި ހުންނެވި މުޙަންމަދު ހުނައިފް
2. އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، އުތުރު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ހުންނެވި އަލީ ނިޔާޒް
3. މެދުއުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މެދުއުތުރު ޕްރޮވިންސްގެ މަގާމުގައި ހުންނެވި ހުސައިން އިރްފާން ޒަކީ
4. މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ހުންނެވި އިބްރާހީމް މުޙަންމަދު
5. މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މެދު ދެކުނު ޕްރޮވިންސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޖްތަބާ
6. މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، މަތި ދެކުނު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ހުންނެވި މުޙަންމަދު ޝަރީފް
7. ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާގެ މަގާމަށް މިނިސްޓަރ އޮފް ސްޓޭޓް، ދެކުނު ޕްރޮވިންސްގެ ނައިބުގެ މަގާމުގައި ހުންނެވި އަހުމަދު އަދުހަމް
ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ހިންގަވާ ހުރިހާ މުޢާމަލާތެއް ހިންގަންވާނީ، އެ ގައުމީ އިދާރާތައް މެދުވެރިކޮށްގެން ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ނަޝީދު ވަނީ، ޕްރޮވިންސް އޮފީސްތައް އުވައިލައި، އެ އޮފީސްތައް ގައުމީ އިދާރާތަކަށް އިއްޔެ ބަދަލުކުރައްވައިފަ އެވެ.