ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ޕާޓީ އަށް ނިސްބަތްވާ، 112 މެންބަރެއްގެ ސޮޔާ އެކު ޕާލަމެންޓަށް ހުށަހަޅައިފި އެވެ.

ނަމަވެސް ސަރުކާރުން ބުނަނީ އެ މައްސަލަ ފޭލުކޮށްލާނެ ކަމަށެވެ. ސަރުކާރު ހިންގާޔޫއެންޕީގެ މިނިސްޓަރު ޖޯން އަމަރަތުންގާ ޒިންހުއާ ނިއުސް އެޖެންސީ އަށް ވިދާޅުވީބޮޑުވަޒީރު ރަނިލްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ޕާލަމެންޓްގައި ޓޭބަލް ކުރުމުން އެ މައްސަލާގައި ބަހުސު ކުރަން އެ ޕާޓީ އިން ތައްޔާރު ކަމަށާއި އެ މޯޝަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ނަމަވެސް ޔޫޕީއެފްއޭ ޕާލަމެންޓް މެމްބަރު މަނައުޝާ ނަނަޔައްކަރާ ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ޕާލަމެންޓް ސެކްރެޓަރީއާ ހަވާލުކޮށްފައިވާ ކަމަށާއި އަދި ޔޫޕީއެފްއޭ ލީޑަރުން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޔޫޕީއެފްއޭ ޕާޓީ ލީޑަރު އަދި އިދިކޮޅު ލީޑަރު އެ މޯޝަން ޕާލަމެންޓް ސެކްރެޓަރީ އަށް ހުށަހެޅުމަށް ހުއްދަދީފައިވާ ކަމަށެވެ.

ގާނޫނީ ވަކީލުން ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސާދާ އަޣުލަބިއްޔަތާއެކު ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގެންފި ނަމަ، ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ ބާރު ރައީސް އަށް ލިބިގެންވާ ކަމަށެވެ.

ރަނިލް ވިކްރަމަސިންހާ ބޮޑުވަޒީރަކަށް އައްޔަން ކުރީ، ރައީސް މައިތިރިޕާލާ ސިރިސޭނާ ރައީސް ކަމަށް އިންތިހާބުވުމާ އެކު އެވެ.

ސްރީލަންކާ ޕާލަމެންޓުގައި ތިއްބަވަނީ 225 މެމްބަރުންނެވެ.