08 Jun 2015, 21:00
ހަމަހަމަ އުސޫލަކުން ރޯދަ އިނާޔަތް ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
އިޖުތިމާއީ ކޮމިޓީން އެގޮތަށް ފާސްކުރީ ކޮމިޓީއަށް އެ ވަގުތު ހާޒިރުވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.
ރޯދަ އިނާޔަތް ހަމަހަމަކޮށް މުވައްޒަފުންނަށް ދިނުމަށް ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ މިއަދު ބޭއްވި ޖަލްސާގައި އެވެ. މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް މަޖިލީހުގައި އެ ވަގުތު ތިއްބެވި ހުރިހާ މެމްބަރުން ވަނީ އިއްތިފާގުވެވަޑައިގެންފަ އެވެ.
ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އިއްޔެ މަޖިލީހަށް ފޮނުއްވި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މުހައްމަދު އަލީ ވިދާޅުވީ، ރޯދަ ފަރުޟު ކޮށްފައި ވަނީ ފަގީރުންނާއި މުއްސަނދިން ވެސް ހަމަހަމަކޮށް ރޯދަ ހިފުމަށް ކަމަށް ވިޔަސް މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި އޮތީ ބޮޑު މުސާރަ ލިބޭ މީހާ އާއި ކުޑަ މުސާރަ ލިބޭ މީހާ ހިފާ ރޯދައިގެ ތަފާތު ކަމެއް ވާ ކަން ދައްކުވައިދޭ ސަގާފަތެއް ކަމަށެވެ.
ރަމަޟާން މަހު ދެމުން އަންނަ އިނާޔަތް އެންމެންނަށް ހަމަހަމަކަމާއެކު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ހަމަހަމަކަމާއެކު މި އަހަރު ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވެސް ވަނީ ވިދާޅުވެފަ އެވެ.
ޖިހާދު ވިދާޅުވީ، ހަމަހަމަ ކަމާއެކު ރޯދަ އިނާޔަތް ދިނުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި އެބަ ހުރި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން އެކަން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.