އިއްޔަ ބޭއްވި ތުރުކީގެ އާންމު އިންތިހާބުގައި ވޯޓްލި އެންމެ ހާއްސަ މީހަކީ އުމުރުން 130 އަހަރުގެ މެހެމަތު އެސަން އެވެ. ތުރުކީގެ ދުކުނު އިރުމަތީގެ ސިރޫޓް ޕްރޮވިންސަށް ނިސްބަތްވާ މެހުމަތު ވޯޓްލާފައި ވަނީ އޭނަ ދިރިއުޅޭ ޓައުން އެރުހްގައި ހުންނަ ވޯޓްލާ މަރުކަޒަށެވެ.

އޭނާގެ ކާފަ ދަރިއެއްގެ އެހީތެރި ކަމާއެކު ވޯޓްލުމަށްފަހު ވޯޓްލާ މަރުކަޒުގެ ބޭރުގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން މެހުމަތު ބުނެފައި ވަނީ އިންތިހާބުގެ ކަންކަން ސުލުހަވެރިކަމާއި އަހުވަންތަކަމާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މި އިންތިހާބަކީ އަހަރެމެންގެ ގައުމަށް ވަރަށް މުހިންމު އިންތިހާބެއް. އިންތިހާބަށް ފަހު އަހަރެމްންގެ ސަރަހައްދަށް އެކުވެރިކަމާއި އަހްވަންތަކަން އަންނާނެ،" އޭނާގެ މާދަރީބަސް ކުރުދީ ބަހުން ނޫސްވެރިންނާ ވަހަކަ ދައްކަމުން މެހެމަތު ބުންޏެވެ.

މެހުމަތު ބުނީ އޭނާ އިންތިހާބަށް ވޯޓުލާން ގެނެސްދިނީ އޭނަގެ ކާފަ ދަރިން ކަމަށާއި އެއީ އެކަމަށް އޭނަ ވަރަށް ބޮޑަށް ބާރު އެޅުމުން ކަމަށެވެ.

އޭނާ ބުނީ ތުރުކީގެ 25 ވަނަ އާންމު އިންތިހާބަށްފަހު ތުރުކީއަށް ހަމަޖެހުމައި އެއްބައިވަންތަކަން އައުމަށް އުންމީދު ކުރާ ކަމަށާއި ތުރުކީއަކީ އަހުވަންތަ ގައުމަކަށްވާން އެދޭކަމަށެވެ.

ތުރުކީގެ އާބާދީގައި 75 މިލއަނާ ގާތް ކައިރާއިރު ވޯޓް ލުމުގެ ޙައްގު ލިބިފައި ވަނީ 56 މިލއަން މީހުންނަށެވެ. މެހުމަތުއަކީ ތުރުކީގެ އާބާދީގައި ވޯޓުލީ މީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހާއެވެ.

މެހެމަތު ވަނީ ތުރުކީގައި ގާއިމުވެ އޮތް އުސްމާނީ ހިލާފަތުގެ ދުވަސްތައް ވެސް ތަޖުރިބާކޮށްފަ އެވެ.

މީލާދީން 1299 ގައި ތުރުކީގައި އުފެދުނު މުސްލިމުންގެ ހަތަރު ވަނަ ޚިލާފަތް އުސްމާނީ ހިލާފަތް ވައްޓާލީ ތުރުކީ ވިލާތަށް އެ ގައުމުގެ ކުރީގެ ރައީސް މުސްތޮފާ ކަމަލް އަތާތުރުކު ގެނައި އިންގިލާބަކުން 1923 ވަނަ އަހަރު އެވެ.

އެއަށްށްފަހު މުސްލިމުންގެ ވަކިވަކިވެ ވަކި ވަކި ދައުލަތްތައް އުފެދިގެން ދިޔަ އެވެ.